ދުނިޔޭގެ އެންމެ ޒުވާން ޑޮކްޓަރު: ފަލަސްތީނުގެ ޑޮކްޓަރު އިޤްބާލް އަލްއަސަދު، ރެކޯޑް ފޮތުން ދެވަނަ ފަހަރަށް ޖާގަ ހޯދައިފި

ފަލަސްތީނަށް ނިސްބަތްވާ ޑޮކްޓަރު އިޤްބާލް އަލްއަސަދު، އުމުރުން ވަރަށް ޅަފަތުގައި މެޑިކަލް ކޮލެޖުން ކިޔެވުން ނިންމައި، ގިނިސް ވޯލްޑް ރެކޯޑްސްއިން ޖާގަ ހޯދައިފިއެވެ. މިއީ އޭނާ މި ރެކޯޑް ފޮތުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ދުނިޔޭގެ އެންމެ ޅަ އުމުރުގެ ޔުނިވަރސިޓީ ދަރިވަރުގެ ގޮތުގައި ރެކޯޑް ހަދާފައެވެ.

އިޤްބާލްގެ ތަޢުލީމީ ހަޔާތް ފެށުނީ ލުބުނާނުގެ ބީޤާ ވެލީގައެވެ. އޭނާގެ ފާހަގަކޮށްލެވޭ ފަދަ މޮޅު ކިޔެވުމުގެ ސަބަބުން، ސްކޫލްގެ އެތައް މަރުހަލާތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކޮށް، އުމުރުން އެންމެ 13 އަހަރުގައި ޤަތަރުގެ ވައިލް ކޯނެލް މެޑިކަލް ކޮލެޖާ ގުޅުނެވެ.

މި ކާމިޔާބީއާއެކު، އުމުރުގެ ގޮތުން ދުނިޔޭގެ އެންމެ އުމުރުން ހަގު ޑޮކްޓަރުގެ ލަޤަބު އިޤްބާލް ވަނީ ހޯދާފައެވެ. އޭނާގެ މި ހިތްވަރާއި މޮޅުކަމަކީ، ޅަ އުމުރުގައި ބޮޑެތި ކާމިޔާބީތައް ހާސިލުކުރެވޭނެކަމުގެ ލާމަސީލު މިސާލެކެވެ. ގިނިސް ރެކޯޑް ފޮތުން ދެވަނަ ފަހަރަށް ޖާގަ ލިބުމަކީ، އިޤްބާލްގެ ތަޢުލީމީ ހަޔާތުގެ ތަފާތުކަމާއި، މެޑިކަލް ދާއިރާގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ހެއްކެކެވެ.

ހިއްސާ ކުރައްވާ!