އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ބުނީ، އެމެރިކާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް އިޒްރޭލުން ޝުކުރުވެރިވާ ކަމަށެވެ. އެހެންނަމަވެސް، އިޒްރޭލުން މިހާރު ވިސްނަންވީ އެމެރިކާގެ އެހީއަށް ބަރޯސާވުން ދޫކޮށްލައި، އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. "ގޯޝް އެޓްޒިއޮން" ގައި ރިޒާވް އޮފިސަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އިޒްރޭލުން އަމިއްލައަށް ހަތިޔާރު އުފައްދާ، އަމިއްލަ ގާބިލްކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
އީރާނާ ބެހޭގޮތުން ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އީރާނަށާއި ސަރަހައްދުގައި އީރާނަށް ވާގިވެރިވާ ފަރާތްތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މި ހަނގުރާމަ ނުވަތަ މި އޮޕަރޭޝަން އަދި ނުނިމޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މީގެ ކުރިންވެސް ނަތަންޔާހޫ ވަނީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވުން ނިމުމަކަށް ގެންނަން ބޭނުންވާކަން ހާމަކޮށްފައެވެ. "ސީބީއެސް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އެމެރިކާގެ މާލީ އެހީތެރިކަން "ސުމަކަށް" ތިރިކުރަން ބޭނުންވާ ކަމަށެވެ.
އިޒްރޭލުން މިހާރު އެމެރިކާގެ ފަރާތުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހޯދައެވެ. މިއީ 2018 އިން 2028 އަށް ޖުމްލަ 38 ބިލިއަން ޑޮލަރު ދޭން ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ދެމުންދާ ފައިސާއެވެ. ނަތަންޔާހޫ ބުނި ގޮތުގައި، ދެ ގައުމުގެ މާލީ ގުޅުން އަލުން ބައްޓަން ކުރަންވީ ވަގުތަކީ މިއީއެވެ. "ކޮންގްރެސްގެ ކުރިއަށް އޮތް ދައުރަކަށް މަޑުކުރާކަށް ބޭނުމެއް ނޫން، މިކަން ފަށަން ބޭނުންވަނީ މިހާރު،" ނަތަންޔާހޫ ބުންޏެވެ.






