އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ލިބޭ ކުރިއެރުންތައް ބަލާނީ ވެފައިވާ އެއްބަސްވުންތަކަށް އަމަލީ ގޮތުން ކިހާ ވަރަކަށް ބޯލަނބާކަމުގެ މައްޗަށް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕަޒެޝްކިއަން ވިދާޅުވެއްޖެއެވެ. އީރާންގެ ރައީސް މިހެން ވިދާޅުވީ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ޕަޒެޝްކިއަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްވަރާތަކުގެ ފައިދާ ކުރާނީ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމައަށް އަދި ސީދާކޮށް ތަންފީޒުކުރެވޭނަމަ ކަމަށެވެ.
އެއްބަސްވުމުގެ ލިޔުމާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކަތަކަކީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެޅޭ ހުރަހެއް ކަމަށާއި، އެފަދަ ވާހަކަތަކުން މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް ޕަޒެޝްކިއަން ފާހަގަކުރެއްވިއެވެ.
ރައީސް ޕަޒެޝްކިއަން މިފަދައިން ވިދާޅުވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޓްރަމްޕް ހޯމަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އީރާނުން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ނުވަތަ އެކަށީގެންވާ ގޮތަކަށް އަމަލުނުކުރާނަމަ، އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ނުރައްކާ، އަސްކަރީ ފިޔަވަޅެއް އެޅުމުން ދިމާވެދާނެ އިޤްތިސާދީ ކާރިސާއަކަށް ވުރެ މާ ބޮޑު ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
ސްވިޒަލޭންޑުގައި ބޭއްވި އެމެރިކާ-އީރާން މަޝްވަރާތައް ބިނާކުރަނިވި ގޮތަކަށް ނިމިފައިވީ ނަމަވެސް، ދެ ޤައުމުގެ ފަރާތުން ވެސް މިހާރު ފެންނަމުންދަނީ އެއްބަސްވުންތައް ތަންފީޒުކުރުމާ މެދު އިތުބާރު ކުޑަވެފައިވާ މަންޒަރެވެ. ކުރިއަށް އޮތް ހަފުތާގައި ފަންނީ މަޝްވަރާތައް އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، މި މަޝްވަރާތައް ސިޔާސީ ގޮތުން ވިލަރެސްކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.






