އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ބްރިކްސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުންގެ 16 ވަނަ ބައްދަލުވުމުގައި، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތު ދޯވަލް ވަނީ ޑިޖިޓަލް ދުނިޔޭގައި އުފެދެމުން އަންނަ އައު ސަލާމަތީ ނުރައްކާތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދޯވަލް ވިދާޅުވީ، މިހާރު ފެންނަމުންދާ އާދަޔާ ޚިލާފު ސަލާމަތީ ނުރައްކާތައް، ކުރިން ގެންގުޅުނު އާދައިގެ ދިފާއީ ނިޒާމުތަކަށްވުރެ ބާރުގަދަވެ، ގައުމީ ބޯޑަރުތައް ހުރަސްކޮށް ފެތުރެމުންދާ ކަމަށެވެ. ޚާއްސަކޮށް، ޓެކްނޮލޮޖީގެ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ސައިބަރ ހަމަލާތަކާއި، ޓެރަރިޒަމްގެ އައު އަދި ވަންނަ ވައްތަރުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު ކަންތައްތައކުގެ ތެރޭގައި ޓެރަރިޒަމް ހުއްޓުވުމާއި، މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްރިކްސްގެ ދެ ޖޮއިންޓް ވޯކިންގ ގްރޫޕަކުން ހޯދާފައިވާ ކާމިޔާބީތައް މުރާޖައާ ކުރުން ހިމެނެއެވެ. އަދި ދުނިޔެ މިހާރު މި އޮތީ އަސްކަރީ ހަމަނުޖެހުންތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯ-ޕޮލިޓިކަލް ނުތަނަވަސްކަމުގެ ތެރޭގައި ކަމަށާއި، މިފަދަ ހާލަތެއްގައި ބައިނަލްއަޤްވާމީ ޖަމިއްޔާތައް ނުކުޅެދުންތެރިވެފައިވާކަން ދޯވަލް ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ގިނަ ޤައުމުތައް ގުޅިގެން ކުރާ މަސައްކަތްތައް ދަށަށް ދަމުންދާކަން ފާހަގަކުރައްވައި، ބްރިކްސް ފަދަ ޖަމާއަތްތަކުގެ ދައުރު މުހިންމުކަން ވެސް އޭނާ އަންގައިދެއްވިއެވެ.
ދޯވަލް އިތުރަށް ވިދާޅުވީ، ބްރިކްސް އަކީ ކުރިއަރަމުން އަންނަ އިޤްތިޞާދުތަކަށް އެއްބާރުލުން ދިނުމަށާއި، 'ގްލޯބަލް ސައުތު' ގެ އަޑު އުފުލުމަށް އުފެއްދި ވަރަށް ޚާއްސަ ކޯލިޝަނެއް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް ޖަމާޢީ ގޮތެއްގައި ހައްލު ހޯދުމަށް މި ޖަމާއަތް ދެމިއޮންނާނެ ކަމަށް އޭނާ ޔަގީންކޮށްދެއްވިއެވެ. މި ބައްދަލުވުމުގައި ޗައިނާ، ރަޝިޔާ، އީރާން، ޔޫއޭއީ އަދި ދެކުނު އެފްރިކާގެ އިސް ސަލާމަތީ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.






