ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް އިން ޓެރަރިޒަމާއި އެކަމަށް ފައިސާ ފޯރުކޮށްދިނުމާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، "ރެކޮމެންޑޭޝަން 6″ އަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ހުރަސްނޭޅޭނެ ގޮތަކަށް މާލީ ފިޔަވަޅުތައް ބައްޓަންކުރުމެވެ.
އެފްއޭޓީއެފް އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އަޕްޑޭޓްތަކުގެ ސަބަބުން ޤައުމުތަކުން އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ( 2664، 2761، އަދި 2615) ތަންފީޒުކުރުމުގައި، އިންސާނީ އެހީތެރިކަމަށް ދޭންޖެހޭ އިސްތިސްނާއަށް އަމަލުކުރަން މަޖުބޫރުވާނެއެވެ. މީގެ މާނައަކީ ޓެރަރިޒަމާ ދެކޮޅަށް އަޅާ މާލީ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ، މުދާ، އަދި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ކުރިމަތިވެގެން ނުވާނެއެވެ.
މިކަމާ ގުޅޭގޮތުން އެފްއޭޓީއެފް ގެ ރައީސް އެލީސާ ޑި އަންޑާ މަޑްރާޒޯ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަކީ ދުނިޔޭގެ ސަލާމަތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، މިފިޔަވަޅުތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވެސް ފާހަގަކޮށްފައިވާ ކަމަށާއި، މި ދެ އަމާޒަކީ ވެސް ހަމަހަމަކަމާއެކު ދަމަހައްޓަންޖެހޭ ކަންތައްތަކެއް ކަމަށެވެ.
މި ބަދަލުތަކަކީ މާލީ ކުށްތަކާއި ޓެރަރިޒަމަށް ފައިސާ ފޯރުކޮށްދިނުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނޭދެވޭ އެހެން ކަންތައްތަކެއް ނުކުރިމަތިވާނެ ގޮތަކަށް ބައްޓަންކުރުމަށް އެފްއޭޓީއެފް އިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ބައެކެވެ. މި މަސައްކަތުގެ ދަށުން، އެފްއޭޓީއެފް އިން ބާރުއަޅަނީ މާލީ ކުށްތައް ހުއްޓުވުމުގައި ޤައުމުތަކުން 'ރިސްކް-ބޭސްޑް' ނުވަތަ ނުރައްކަލުގެ މިންވަރަށް ބަލައިގެން މަސައްކަތް ކުރުމަށެވެ.







