ޓައިވާނުގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފި: ޗައިނާގެ ނުރައްކަލަށް ތައްޔާރުވުން

ޗައިނާގެ ފަރާތުން ކުރިމަތިވެދާނެ އަސްކަރީ ނުރައްކަލަކަށް ތައްޔާރުވުމުގެ ގޮތުން، ޓައިވާނުން ފަސް ދުވަހުގެ އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ. މި ތަމްރީނުތަކުގެ ތެރެއިން ޓައިވާންގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ 'ޓާއޮޔުއާން' ސިޓީގެ މަގުތަކުގައި ޓޭންކުތަކާއި އަސްކަރީ އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ތަމްރީނުތަކުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ޗައިނާގެ "ގްރޭ ޒޯން" ހަރަކާތްތައް ނުވަތަ ކަނޑުގެ ސިފައިންގެ ހަރަކާތްތަކާއި ޑްރޯން ބޭނުންކޮށްގެން ހިންގާ އުނދަގޫތައް އިތުރުވެއްޖެނަމަ، އަސްކަރިއްޔާއަށް ކިހާ އަވަހަކަށް ހަރަކާތްތެރިވެވޭނެތޯ ބެލުމާއި، ޢަމަލީ މައިދާނުގައި ހަޤީޤީ ހަތިޔާރު ބޭނުންކޮށްގެން ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން، ހަނގުރާމައެއް ފެށުމުގެ ކުރިން ހިނގާފާނެ ކަންކަން ސިމިއުލޭޓްކުރުން ހިމެނެއެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި، ޗައިނާއިން ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް ޓައިވާންގެ ސަރަހައްދަށް ވޯޕްލޭންތަކާއި ޑްރޯންތަކާއި އަސްކަރީ އުޅަނދުތައް ފޮނުވަމުންދެއެވެ. މިގޮތުން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ޗައިނާއިން ވަނީ 23 ވޯޕްލޭނާއި 12 ކަނޑުގެ އުޅަނދު ޓައިވާންގެ މިސްރާބަށް ފޮނުވާފައެވެ.

ޓައިވާންގެ ވެރިޔާ ލައި ޗިންގ-ޓޭ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޓައިވާނަށް 14 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ މައްސަލަ ފާސްކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމެރިކާއިން ޓައިވާނަށް ދޭ އަސްކަރީ އެހީތެރިކަން މަޝްވަރާތަކުގެ "ބާގަނިން ޓޫލް"އެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކަންބޮޑުވުންތައް އުފެދުނު ނަމަވެސް، އެމެރިކާގެ އެހީތެރިކަމާ މެދު ޓައިވާންގެ ވެރިން އަދިވެސް އުންމީދު ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓައިވާނަކީ ޗައިނާގެ ސިޔާސީ ބައެއް ކަމަށް ޗައިނާއިން ދެކޭއިރު، ޓައިވާން އެއްބައި ކުރުމަށް ބާރުގެ ބޭނުން ކުރުމުގެ ފުރުސަތު އޮތް ކަމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.

ހިއްސާ ކުރައްވާ!