އިސްލާމީ ބޮޑެތި ޤައުމުތައް ހިމެނޭގޮތަށް ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް ނުވަތަ ރީޖަނަލް ސެކިއުރިޓީ ބެލްޓް އޮފް ދަ އިސްލާމިކް ވޯލްޑް ޤާއިމުކުރުމަށް އީރާނުން ހުށަހަޅައިފިއެވެ. މި ހުށަހެޅުން ހުށަހެޅުއްވީ އީރާނުގެ ވަގުތީ ޑިފެންސް މިނިސްޓަރު، ބްރިގޭޑިއާ ޖެނެރަލް މަޖީދު އިބްނުލްރިޟާ، ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކުގައެވެ.
މި ހުށަހެޅުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ އުދުވާންތަކާ ދެކޮޅަށް އެކަތިގަނޑަކަށްވުމުމެވެ. އަދި ޣައްޒާ، ލުބްނާން އަދި ސީރިއާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އަމަލުތަކަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ކުރާ ކަމެއް ކަމަށާއި، މިއާ ދެކޮޅަށް އިސްލާމީ ޤައުމުތަކުން އެއްބައިވަންތަ ކަން ގެންގުޅުން މުހިންމު ކަމަށް އީރާނުން ފާހަގަކުރެއެވެ. މި އިންޝިއޭޓިވްގައި އީރާން، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު އަދި އެހެނިހެން އިސްލާމީ ޤައުމުތައް ހިމެނުމަށް އީރާނުން ލަފާދެއެވެ. މިއީ ސަލާމަތީ ގޮތުން ގުޅިގެން މަސައްކަތް ކުރުމާއި، ސަރަހައްދީ މައްސަލަތަކުގައި މަޝްވަރާކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަހިވެގެންދާނެ ޕްލެޓްފޯމެއް ކަމަށް އީރާނުގެ މިނިސްޓަރު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވަނީ މި ހުށަހެޅުމަށް މަރުހަބާ ދަންނަވާފައެވެ. ސަރަހައްދުގެ ހާލަތު ރަނގަޅުވެ ހަމަޖެހުމުން، އިސްލާމީ ޤައުމުތަކުގެ މެދުގައި މިފަދަ ގުޅުންތައް ބަދަހިވެ، ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއާ ގުޅިގެން އިސްލާމީ ޤައުމުތައް އެކަތިގަނޑަކަށްވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްވަރާތަކުގައި އީރާނުގެ މިނިސްޓަރު ވަނީ އެމެރިކާއާ އެކު ކުރެވުނު ފަހުމުނާމާއަށް އިޙްތިރާމް ކުރުމަށް އީރާން ސާބިތުކަމާއެކު ދެމިއޮތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވާ ކޮންމެ ފަރާތަކަށް އީރާނުގެ ސިފައިންން ހަރުކަށި ރައްދު ދޭނެ ކަމަށް އިންޒާރު ދެއްވާފައެވެ.







