ޤުދުސްއާއި ނާބުލުސްއަށް އިސްރާއީލުން އަރައިގަނެފި

އިސްރާއީލުގެ ސިފައިންގެ ހިމާޔަތާއެކު، ގިނަ އަދަދެއްގެ ޔަހޫދީ ވަޒަންވެރިން އިއްޔެ މަސްޖިދުލް އަޤްޞާއަށް ވަދެ، އެތަނުގެ ހުރުމަތް ކަނޑާލައިފިއެވެ. ބާބުލް މަޣާރިބާ ދޮރޯށިން އަޤްޞާގެ ހަރިންމަ ތެރެއަށް ވަދެގަތް މި މީހުން، ގުއްބަތުއް ސަޚްރާގެ ކުރިމަތީގައި ހުރި ސިޑިތައް ކައިރީގައި ޖަމާވެ، އިސްރާއީލު ސިފައިންގެ ހިމާޔަތާއެކު ޠަލްމޫދުގެ އަޅުކަންތައްތަކެއް ކޮށްފައިވާ މަންޒަރުތައް ވަނީ އާންމުވެފައެވެ.

މަސްޖިދުލް އަޤްޞާގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ޔަހޫދީން ވަނީ އަޤްޞާގެ އިރުމަތީ ސަރަހައްދުގައި ވެސް މިފަދަ ހަރަކާތްތައް ހިންގާފައެވެ. މި ހާދިސާ ހިނގަމުން ދިޔައިރު، ފަލަސްތީނުގެ މުސްލިމުން މިސްކިތަށް ވަނުމަށް އިސްރާއީލު ސިފައިން ވަނީ ހުރަސްތަކެއް އަޅާފައެވެ. އެގޮތުން، މިސްކިތަށް ވަންނަން އުޅުނު މީހުންގެ އައިޑީ ކާޑުތައް ހިފެހެއްޓުމާއި، ބައެއް މީހުން މިސްކިތަށް ވަނުން މަނާކުރުން ފަދަ އަމަލުތައް ހިންގާފައިވެއެވެ. މިފަދަ ހަމަލާތަކުން މިސްކިތް ސަލާމަތް ކުރުމަށްޓަކައި އަޤްޞާގައި ގިނައިން މީހުން ތިބުމަށް ފަލަސްތީނުގެ އިލްމުވެރިންނާއި ޖަމިއްޔާތަކުން ދަނީ ގޮވާލަމުންނެވެ.

އިސްރާއީލު ސިފައިން ވަނީ ނާބުލުސް ސިޓީގެ މަރުކަޒީ ބާޒާރާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކަށް އަރައިގަނެ، އަސްކަރީ ހަރަކާތްތައް އިތުރުކޮށްފައެވެ. ހަތިޔާރު އެޅި ސިފައިން ނާބުލުސްގެ ގެތަކާއި ބާޒާރުތަކުގެ ތެރޭގައި ހަރަކާތްތެރިވެ، އާންމުން އެ ސަރަހައްދުތަކުން ދުރަށް ދިއުމަށް މަޖުބޫރުކޮށްފައިވެއެވެ.

އޭގެ އިތުރުން، ނާބުލުސްގެ އުތުރު ހުޅަނގުގައި އޮންނަ ޞަބަޞްތިއްޔާގެ އާސާރީ ސަރަހައްދަށް ވެސް އިސްރާއީލުގެ ސިފައިންގެ އެހީތެރިކަމާއެކު ޔަހޫދީ ވަޒަންވެރިން ވަނީ ވަދެގަނެފައެވެ. މި ހަރަކާތްތަކަކީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންގެ ބާރު ގަދަކުރުމަށް ހިންގަމުންދާ ރޭވުންތަކެއްގެ ބައެއް ކަމަށް ފަލަސްތީނުގެ ރައްޔިތުން ދެކެއެވެ.

ހިއްސާ ކުރައްވާ!