ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވި

ކޮލޮމްބިއާގައި އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރަން ކޮލަމްބިއާގެ މިހާރުގެ ރައީސް ގުސްތާވޯ ޕެޓްރޯ، ދެކޮޅު ހައްދަވައިފިއެވެ. ޕެޓްރޯ ވިދާޅުވަނީ  އިންތިޚާބަށް ބޭރުގެ ފަރާތްތަކުން ނުފޫޒު ފޯރުވި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ހުރި ކަމަށެވެ. މި އިންތިޚާބުން ކާމިޔާބު ހޯއްދެވި ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ އެމެރިކާއާއިއިސްރާއީލުން ސަޕޯޓު ކުރި އިދިކޮޅު ކަނާތު ފިޔައިގެ ކެންޑިޑޭޓް އަބެލާޑޯ ޑެ ލާ އެސްޕްރިއެއްލާއެވެ.

ރައީސް ޕެޓްރޯ ތުހުމަތު ކުރައްވާ ގޮތުގައި، ވޯޓު ގުނުމުގެ ނިޒާމަށް ޑިޖިޓަލްކޮށް ވަދެ، ވޯޓުތަކުގެ ނަތީޖާ ވަނީ އޮޅުވާލާފައެވެ. ޚާއްސަކޮށް، ވޯޓު ފޮށިތަކުގައި ވޯޓު ގުނާ މީހުން އަމިއްލަ އަތުން ފުރާ 'އީ-14′ ފޯމުތަކުގެ ޑިޖިޓަލް ނަކަލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވެއެވެ. މިކަމުގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށާއި، މިފަދަ ޑިޖިޓަލް ހަމަލާއެއް ދިނުމުގެ ޤާބިލްކަން ހުރީ ހަމައެކަނި އިސްރާއީލުގެ ދައުލަތަށް ކަމަށް ރައީސް ޕެޓްރޯ ތުހުމަތު ކުރައްވައެވެ.

އިންތިޚާބުން ކާމިޔާބު ހޯއްދެވި ކަމަށް ބެލެވޭ އަބެލާޑޯ ޑެ ލާ އެސްޕްރިއެއްލާއަކީ އިސްރާއީލަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރައީސް ޕެޓްރޯ އިސްރާއީލާ އެކު އޮތް ގުޅުން ކަނޑާލާފައި ވެއެވެ. އައު އިންތިޚާބީ ރައީސް ވަނީ ކޮލަމްބިއާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރައްވާނެ ކަމަށް ވައުދު ވެފައެވެ. އޭނާގެ ކާމިޔާބީ ފާހަގަކުރައްވައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ޕެޓްރޯގެ މި ތުހުމަތުތައް ކޮލަމްބިއާގެ އެޓާނީ ޖެނެރަލް ގްރެގޯރިއޯ އެލްޖަޗް ވަނީ އިންތިޚާބުގައި އޮޅުވާލުމެއް ހިނގި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ވޯޓުތަކުގެ 99 އިންސައްތަ މިހާރު ގުނި ނިމިފައިވާއިރު، ނަތީޖާއާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ދެކެއެވެ.

ރައީސް ޕެޓްރޯ ވަނީ އިންތިޚާބުގެ ކަންކަން އިންތިޒާމުކުރާ 'ތޯމަސް ގްރެގް އެންޑް ސަންސް' ކިޔާ ކުންފުންޏަކަށް ވެސް ތުހުމަތުތަކެއް ކުރައްވާފައެވެ. މިއީ އިންތިޚާބުގެ ލޮޖިސްޓިކްސް ބަލަހައްޓާ ކުންފުންޏެކެވެ. މީގެ ކުރިން ރައީސް ޕެޓްރޯ ވަނީ މި ކުންފުނީގެ ވެރިންނާއި އިދިކޮޅު ކެންޑިޑޭޓާ ދެމެދު ސިއްރު މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ރައީސް ޕެޓްރޯގެ މި ނިންމުމަކީ ޤައުމުގެ ހަމަޖެހުމަށް ނުރައްކަލެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، ރައީސް ގެންދަވަނީ މި މައްސަލަ ޖުޑީޝިއަރީ މެދުވެރިކޮށް ތަހުގީގު ކުރުމަށް ގޮވާލައްވަމުންނެވެ.

ހިއްސާ ކުރައްވާ!