އީރާނުގެ މިސައިލް ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރާނެ

އީރާނުގެ ރައީސް މަސްޢޫދު ޕަޒަޝްކިއަން، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަވައިގެން، އީރާނާއި އެމެރިކާއާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފިއެވެ.

އެމެރިކާއާ މެދު އީރާނުން ދެކޭގޮތާ ބެހޭގޮތުން ޕަޒަޝްކިއަން ވިދާޅުވީ، މަޝްވަރާތައް ކުރިއަށްދާ ވަގުތުތަކުގައި ވެސް އެމެރިކާއިން އީރާނަށް ދެ ފަހަރަކު ހަމަލާދީފައިވާތީ އެ ޤައުމަށް އިތުބާރު ނުކުރާ ކަމަށެވެ. ނަމަވެސް، ހަމަޖެހުމާއި ސުލްހައަށްޓަކައި އަދިވެސް މަޝްވަރާކުރަން އީރާން ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ.

އަންނަން އޮތް މަޝްވަރާތަކުގައި އީރާނުގެ ދިފާއީ ބާރުތައް ދަމަހައްޓާނެ ކަމަށާއި، ބެލިސްޓިކް މިސައިލްތަކާ ގުޅޭގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަޝްވަރާއެއް ނުކުރާނެ ކަމަށް ރައީސް ޕަޒަޝްކިއަން ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

މަޝްވަރާތައް ކާމިޔާބު ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރާއި ސިފައިންގެ ވެރިޔާ އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ޕަޒަކްޝިއަން ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލެވުނު ފަހުމުނާމާއަށް ވާސިލްވުމަށް ޕާކިސްތާނުން ދިން އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

ހިއްސާ ކުރައްވާ!