ސްވިޒަލޭންޑުގެ ބަރގެންސްޓޮކް ރިސޯޓުގައި އެމެރިކާއާއި އީރާނުގެ މެދުގައި ކުރިއަށްދިޔަ ފަންނީ މަޝްވަރާތަކުގެ މަތީ ފަންތީގެ ބުރު ނިމުމަކަށް އައިސްފައިވާއިރު، މިހާރު ފެށިފައިވަނީ މި މަޝްވަރާތަކުން ލިބުނު ޚިޔާލުތައް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ އުސޫލުތަކަކަށް ބަދަލުކުރުމުގެ މަރުހަލާއެވެ.
މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން 4 ފަންނީ މަސައްކަތު ގްރޫޕެއް ވަނީ އުފައްދާފައެވެ. އަދި މިކަންކަން ބެލެހެއްޓުމަށް ޤަތަރާއި ޕާކިސްތާނު ހިމެނޭ ގޮތަށް "ސިޔާސީ ބެލެހެއްޓުންތެރިކަމުގެ ކޮމިޓީއެއް" ވަނީ އެކުލަވާލާފައެވެ. މި މަރުހަލާގައި ކުރިއަށްދާނެ ގޮތުގެ ތަފްސީލުތައް:
މި 4 ގްރޫޕުގެ މަސްއޫލިއްޔަތުތައް:
- ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގްރޫޕް: އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދިރާސާކުރުމާއި، އެކަންކަމާ މުއާމަލާތުކުރާނެ ގޮތްތައް ހޯދުން.
- ނިއުކްލިއާ ފައިލާ ބެހޭ ގްރޫޕް: ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ފަންނީ މައްސަލަތަކަށް ހައްލު ހޯދުން.
- އަލުން ބިނާކުރުމާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ގްރޫޕް: އިޤްތިޞާދީ ކުރިއެރުމާއި ގުޅުންހުރި ކަންކަން ރޭވުން.
- މޮނިޓަރިންގް އާއި ތަންފީޒުކުރުމާ ބެހޭ ގްރޫޕް: މަޝްވަރާތަކުން ލިބޭ ނަތީޖާތަކާއި އެއްބަސްވުންތައް ތަންފީޒުކުރޭތޯ ބަލައި މޮނިޓާ ކުރުން.
ސިޔާސީ ބެލެހެއްޓުންތެރިކަމުގެ ކޮމިޓީގެ މުހިންމުކަން
މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ މަޝްވަރާތަކުގެ ތެރޭގައި އުފެދިދާނެ ސިޔާސީ ނުވަތަ މީޑިއާގެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމެވެ. މިކަމުގެ ބޭނުން އެންމެ ބޮޑަށް ފާހަގަވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކޮޅު ނުޖެހޭ ބަޔާންތަކަކާ ގުޅިގެން މަޝްވަރާތައް ހުއްޓުމަކަށް އައުމުގެ ބިރު ހީވުމުންނެވެ. އެފަދަ ހާލަތްތަކުގައި ޤަތަރާއި ޕާކިސްތާނުން މެދުވެރިވެ، މަޝްވަރާތައް އަލުން ފަށައިދެއެވެ. ޓްރަމްޕް ވަނީ ލުބުނާނުގައި ހިޒްބުﷲ ހަރަކާތްތައް ނުހުއްޓައިފިނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ކަނޑައެޅިފައިވާ މުއްދަތު
މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 60 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. މި މުއްދަތުގެ ތެރޭގައި ފަންނީ ގްރޫޕްތަކުން ދޭތެރޭން ސިޔާސީ ކޮމިޓީއަށް ރިޕޯޓުތައް ހުށަހަޅާނެއެވެ. އަމާޒަކީ ދެ މަސް ދުވަހުގެ ތެރޭގައި ފުރިހަމަ އެއްބަސްވުމަކަށް އައުމެވެ. މިކަމަށްޓަކައި ފަންނީ މާހިރުން ސްވިޒަލޭންޑުގައި މަޑުކޮށް، މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
އިތުބާރު ބިނާކުރުމުގެ ފިޔަވަޅުތައް
މަޝްވަރާތަކަށް އިތުރު ބާރެއް ދިނުމަށްޓަކައި، ދެ ފަރާތުން ވެސް އިތުބާރު އާލާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި:
- މާލީ މުއާމަލާތްތަކަށް ލުއި ދިނުން.
- ފްރީޒްކޮށްފައިވާ އީރާނުގެ މުދާތައް ދޫކުރުން.
- ތެޔޮ އެކްސްޕޯޓް ކުރުމުގެ ދަތިތައް ކުޑަކުރުން.
- ވިޔަފާރީގެ ދަތުރުފަތުރުގެ ކަންކަން އަލުން ފެށުން.
މި މަރުހަލާގެ ކާމިޔާބީ ބިނާވެފައިވަނީ ފަންނީ މަސައްކަތްތަކާއި ދުވަހުން ދުވަހަށް އުފެދޭ ސިޔާސީ ކޯޅުންތަކާ ދެމެދު ވަކި ރޮނގެއް ދަމައި، އެ ކޯޅުންތަކުން މަޝްވަރާތައް ރައްކާތެރިކުރެވޭ ގތެއްގެ މައްޗަށެވެ. ފައިނަލް އެއްބަސްވުމެއްގެ ޑްރާފްޓް އެކުލަވާލުމަށްފަހު، އެންމެ ފަހުން ގޮތެއް ނިންމާނީ ސިޔާސީ ފެންވަރުގައެވެ.






