އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ ދީނީ ބޭނުމަކަށް ބޯދިގުކޮށްފައިވާ ރާސްތަފާރިއަން ޤައިދީއެއްގެ އިސްތަށިގަނޑު ޖަލު އޮފިޝަލުން ގަދަކަމުން ބޭލި މައްސަލައެއްގައި، އެ އޮފިޝަލުންނާ ދެކޮޅަށް ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ނިންމާފައެވެ.
ލުއިޒިއާނާގެ ޖަލެއްގައި ހުރި ޑޭމަން ލޭންޑޯ، 2020 ވަނަ އަހަރު ޖަލަށް ބަދަލުކުރިއިރު، އޭނާ ވަނީ ދީނީ ސަބަބުތަކަށްޓަކައި ބޯދިގުކޮށްފައި ކަމަށް ބުނެ އެކަމުގެ ލިޔެކިޔުންތައް ޖަލު އޮފިޝަލުންނަށް ދައްކާފައެވެ. ނަމަވެސް، ޖަލު އޮފިޝަލުން ވަނީ އެ ލިޔެކިޔުންތައް ކުނިވަށިގަނޑަށް އަޅާލައި، އޭނާ ގޮނޑިއެއްގައި ބިޑިއަޅުވައި ބައިންދާފައި، ގަދަކަމުން އޭނާގެ ބޯ ބާލާފައެވެ.
"އެމީހުން ބޭލީ ހަމައެކަނި މަގޭ ބޮލެއް ނޫން، އެމީހުން ބޭލީ މަގޭ’ތާޖު" ލޭންޑޯ މިކަމާ ގުޅޭގޮތުން ކޯޓުގައި ބުނެފައިވެއެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ޖަސްޓިސް ނީލް ގޯސަޗް ލިޔުއްވި 6-3 ގެ މެޖޯރިޓީ ނިންމުމުގައި ބުނެފައިވަނީ، ޤައިދީންގެ ދީނީ ހައްގުތައް ހިމާޔަތްކުރާ ފެޑެރަލް ގާނޫނެއް އެމެރިކާގައި އޮތް ނަމަވެސް، އެ ގާނޫނުގެ ދަށުން ދައުލަތުގެ އޮފިޝަލުންނާ ދެކޮޅަށް މާލީ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށެވެ. ކޯޓުން ބުނީ، ދައުލަތުން މިފަދަ ދައުވާތަކަށް ޖަވާބުދާރީވާން އެއްބަސްވެފައި ނެތުމުން، މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަންހެން ޖަސްޓިސް ކީޓަން ބްރައުން ޖެކްސަން މި ނިންމުމާ ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ، ޤައިދީންގެ ދީނީ ހައްގުތައް ހިމާޔަތްކުރުމަށް ކޮންގްރެސްއިން ފާސްކުރި ގާނޫނުގެ މަޤްޞަދު މި ނިންމުމުން ހާސިލު ނުވާ ކަމަށެވެ.
މި މައްސަލައަށް ފަހު، ލުއިޒިއާނާގެ ޖަލުތަކުން މިހާރު ވަނީ މިފަދަ ކަންކަން ތަކުރާރު ނުވުމަށްޓަކައި އެތަނުގެ ގްރޫމިން ޕޮލިސީ އެއްގެ ގޮތުގައި ބޮލުގެ އިސްތަށިގަނޑު ބެލެހެއްޓުމުގެ އުސޫލު ބަދަލުކޮށްފައެވެ. އަދި ލޭންޑޯގެ ވަކީލުން ބުނާ ގޮތުގައި، މި މައްސަލައިގެ ސަބަބުން ލުއިޒިއާނާގައި ހަގީގީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ލޭންޑޯއާ މެދު އަމަލުކުރި ގޮތަކީ ރަނގަޅު ގޮތެއް ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް، މައްސަލަ ނިންމީ ސަރުކާރުގެ މުވައްޒަފުންނާ ދެކޮޅަށް ދައުވާކުރުމުގެ ފުޅާ ދާއިރާގެ ނަތީޖާތަކަށް ބަލައިފައެވެ. ލޭންޑޯ މި ނިންމުމާ މެދު ހިތްހަމަނުޖެހުނު ނަމަވެސް، އޭނާ ބުނެފައިވަނީ އޭނާގެ ހައްގު ހޯދުމަށް މަސައްކަތް ކުރުން ހުއްޓާނުލާނެ ކަމަށެވެ.






