ނިއުޔޯކް ސިޓީގެ މޭޔަރު ޒަހްރާން މަމްދާނީ ތާއީދުކުރެއްވި ތިން ކެންޑިޑޭޓުން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ. މި ނަތީޖާއާއެކު މަމްދާނީގެ ސިޔާސީ ނުފޫޒު ނިއުޔޯކްގެ ސިޔާސީ މަސްރަޙުގައި ވަރަށް ބޮޑަށް ވަރުގަދަވެފައިވާކަން ވަނީ ހާމަވެފައެވެ.
މި އިންތިޚާބުގައި މަމްދާނީގެ ތާއީދާއެކު ނުކުތް ތިން ކެންޑިޑޭޓުން ކަމަށްވާ ބްރެޑް ލަންޑާ، ދާރިއަލީޒާ އަވީލާ ޝުވާލިއޭ، އަދި ކްލެއާ ވެލްޑޭޒް ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. މީގެ ތެރެއިން ދެ ބޭފުޅަކު ވަނީ މިހާރު މަޤާމުގައި ތިއްބެވި ޑިމޮކްރެޓިކް މެންބަރުން ބަލިކޮށްފައެވެ. ޚާއްސަކޮށް، ދާރިއަލީޒާ އަވީލާ ޝުވާލިއޭ ވަނީ ތަޖުރިބާކާރު މެންބަރު އަދްރިއާނޯ އެސްޕައިއާޓް ބަލިކޮށް ބޮޑު ސިހުމެއް ގެނެސްދީފައެވެ. އަދި ނިއުޔޯކްގެ ކުރީގެ ކޮމްޕްޓްރޯލާ ބްރެޑް ލަންޑާ ވަނީ އިސްރާއީލަށް ތާއީދުކުރާ މެންބަރު ޑޭން ގޯލްޑްމަން ބަލިކުރައްވާފައެވެ.
މި ކާމިޔާބީތަކަކީ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ކޮންގްރެސްގެ އަހަރު މެދުެތރޭ އިންތިޚާބަށް ކުރިމަތިލާއިރު ޑިމޮކްރެޓިކް ޕާޓީގެ މިސްރާބު ކަނޑައަޅައިދޭނެ މުހިންމު ނަތީޖާތަކެއް ކަމަށް މާހިރުން ދެކެއެވެ. ޑިމޮކްރެޓުން އުއްމީދު ކުރަނީ ތަކެތީގެ އަގުބޮޑުވުމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން ކޮންގްރެސްގެ ކޮންޓްރޯލް އަލުން ހޯދުމަށެވެ.
ނިއުޔޯކްގެ އިތުރުން އެހެން ބައެއް ސްޓޭޓްތަކުގައި ވެސް މުހިންމު ނަތީޖާތަކެއް ވަނީ ފެނިފައެވެ. އެގޮތުން ސައުތު ކެރޮލައިނާގެ ގަވަރުނަރުކަމަށް ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓް އަލަން ވިލްސަން ވަނީ ޕްރައިމަރީ ރަންއޮފް އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މީގެ އިތުރުން މެރިލޭންޑާއި ޔޫޓާގައި ވެސް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ހޯދުމަށް ވާދަވެރި މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ޔޫޓާގެ ސޯލްޓް ލޭކް ސިޓީގެ ދާއިރާތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް މެންބަރަކު އެ ސްޓޭޓުން އިންތިޚާބުވުމުގެ ފުރުސަތު ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.






