ޕާކިސްތާންގެ ސަރުކާރުގެ މާލީ ކަންކަން އިންތިޒާމު ކުރަމުންދާ ގޮތ މެދު އޯޑިޓް ރިޕޯޓަކުން ސުއާލު ަުއފައްދައިފިއެވެ. 2024-25 ވަނަ މާލީ އަހަރުގެ އޮޑިޓް ރިޕޯޓުތަކުން ފެންނަނީ ބަޖެޓުގެ ބޮޑެތި އޮޅުވާލުންތަކާއި، ނިޒާމީ ގޮތުން ހުރި އުނިކަމާއި، ޤާނޫނުތަކަށް އެއްވެސް އިޙްތިރާމެއް ނުކުރާ މަންޒަރެވެ. މި ރިޕޯޓުތަކުން ހާމަވާ ގޮތުގައި، ސަރުކާރުން ޤައުމީ ޚަޒާނާއާ މެދު އަމަލުކުރަނީ އަމިއްލަ ޚައިރާތު ފޮއްޓެއް ފަދައިންނެވެ.
ޤާނޫނު އަސާސީއަށް ބެލުމެއްނެތި، ސަރުކާރުން ވަނީ ޕާލަމެންޓުގެ ހުއްދަ ހޯދުމަކާ ނުލައި 3،177 ބިލިއަން ރުޕީސް ޚަރަދުކޮށްފައެވެ. މިއީ ސަރުކާރަށް ލިބުނު 3،454 ބިލިއަން ރުޕީސްގެ ސަޕްލިމެންޓްރީ ގްރާންޓްތަކުގެ 92 ޕަސެންޓެވެ. ޕާލަމެންޓުގެ ފާރަވެރިކަމަށް ބެލުމެއް ނެތި މިފަދަ ބޮޑު އަދަދެއް ޚަރަދުކުރުމަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރިޕޯޓްގައި ބުނެއެވެ.
އޮޑިޓުން ހާމަވާ ގޮތުގައި، އެއްވެސް ދިރާސާއަކަށް ބެލުމަކާ ނުލައި ފެޑެރަލް އިދާރާތަކުން ވަނީ 3،809 ބިލިއަން ރުޕީސްގެ ބަޖެޓަށް އެދިފައެވެ. އެހެންނަމަވެސް، މި ފައިސާ ހޯދުމަށް ފަހު 115 އިދާރާއަކުން 87 ބިލިއަން ރުޕީސް ޚަރަދު ނުކުރެވި ފައިސާ ވަނީ ބޭކާރުވެފައެވެ. މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް 1،833 ބިލިއަން ރުޕީސް ހޯދީ ހަޤީޤީ ބޭނުންތައް ނުބަލައި، ބޭކާރު ޚަރަދުތަކެއް ކޮށްފަްއި ވެއެވެ.
މި މައްސަލަތައް މިއަށްވުރެ ވެސް ފުންކަމަށް އޮޑިޓަ ޖެހެނެރަލް ފާހަގަކުރެއެވެ:
- ޤާނޫނުއަސާސީގެ 78 ވަނަ މާއްދާއާ ޚިލާފަށް، ފެޑެރަލް ކޮންސޮލިޑޭޓެޑް ފަންޑުން 7 ބިލިއަން ރުޕީސް ވަނީ ޕަބްލިކް އެކައުންޓަށް ޤަވައިދާ ޚިލާފަށް ބަދަލުކޮށްފައެވެ.
- ’ޑެޑް އެކައުންޓް’ތަކުގައި ހުރި 24 ބިލިއަން ރުޕީސް ސަރުކާރުގެ އެކައުންޓަށް ޖަމާނުކޮށް ހުރިއިރު، ފައިސާ ޚިޔާނާތްތެރިވުމާއި އޮޅުވާލައިގެން ފައިސާ ދޫކުރުމުގެ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.
- ގިނަ އިދާރާތަކުގައި އިންޓާނަލް އޮޑިޓް ޔުނިޓްތައް މަސައްކަތެއް ނުކުރެއެވެ. ޗީފް އިންޓާނަލް އޮޑިޓަރުން އައްޔަން ނުކުރުމުގެ ނަތީޖާއަކީ ކޮރަޕްޝަނަށް ދޮރު ހުޅުވުމެވެ.
ސަރުކާރުގެ އެކައުންޓިންގ ނިޒާމުތައް ވަނީ މުޅިން ފޭލްވެއި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. މުދަލާއި ދަރަނިތައް ރެޖިސްޓްރީ ނުކުރުމާއި، ގިނަ ރިކޯޑުތައް ގެއްލިފައި ހުރުމަކީ މާލީ ހަމަނުޖެހުމުގެ ނިޝާނެކެވެ.
އޮޑިޓަ ޖެހެނެރަލް ވަނީ މި ޚިޔާނާތުގެ މައްސަލަތައް ތަހުޤީޤު އިދާރާތަކަށް ހުށަހެޅުމަށް ލަފާދެއްވާފައެވެ. ސަރުކާރުން ޤާނޫނުތަކަށް ބޯނުލަނބައި، ޒިންމާދާރުކަން ކުޑަކޮށް އަމަލުކުރަމުން ދާނަމަ، ޤައުމުގެ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވެގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫންކަމަށް ބުނެފައި ވެއެވެ.






