އިރާނުގެ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރަން ޖެހޭނެ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއިން ބުނެފި

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ވެރިޔާ ރަފައެލް މަރިއާނޯ ގްރޮސީ ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު އިސްލާމްއާބާދު ފަހުމުނާމާ އެއްބަސްވުމުގެ ދަށުން، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެ އެޖެންސީން ކުރާނެ ކަމަށެވެ.

މި މައްސަލާގައި އެމެރިކާއާއި އީރާނުން ދެ ގޮތަކަށް ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައި، ގްރޮސީ ވިދާޅުވީ އެއްބަސްވުމުގެ ހުރިހާ ބައެއްގައި ވެސް ނިއުކްލިއަރ މާއްދާތަކާ ގުޅޭ ހަރަކާތްތައް ހިންގާނީ އޭއީއޭގެ ބެލުމުގެ ދަށުން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ޖަޕާނުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގްރޮސީ ވިދާޅުވީ:

  • އެ މަސައްކަތް ކުރުމަށްޓަކައި އެ މަރުކަޒުތައް ބަލައި ފާސްކުރަން ޖެހޭނެކަން ޔަޤީން.
  • މިއީ މުހިންމު ކަމެއް ނަމަވެސް، މާދަމާ ނުވަތަ ހަފްތާއެއްގެ ތެރޭގައި ވިޔަސް މިކަން ހިނގާނެ.
  • މި ބަލައި ފާސްކުރުންތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހިނގާނެ .

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް އަންގާރަ ދުވަހު ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އެޖެންސީގެ އިންސްޕެކްޓަރުން އެއްވެސް ޒިޔާރަތެއް ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

2025 ވަނަ އަހަރު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކުގައި ބައެއް ނިއުކްލިއަރ މަރުކަޒުތަކަށް ގެއްލުންތަކެއް ލިބުނު ފަހުން، އެތަންތަން ބަލައި ފާސްކުރުމުގެ ފުރުސަތު އޭއީއޭއަށް ލިބިފައި ނުވާތާ ގާތްގަނޑަކަށް އެއް އަހަރު ވެއްޖެއެވެ. ޖޫން މަހުގެ ކުރީކޮޅު އީރާނުގެ އޮޕަރޭޝަނަލް ނިއުކްލިއަރ މަރުކަޒެއް ބަލައި ފާސްކޮށްފައިވީ ނަމަވެސް، ހަލާކުވި މަރުކަޒުތަކަށް އެޖެންސީގެ އިންސްޕެކްޓަރުން ވަދެވިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!