އިޒްރޭލުގެ އަސްކަރީ ފައުޖުތައް ދެކުނު ލުބުނާނުގައި ދަމަހައްޓާނެ ކަމަށާއި، އެމެރިކާގެ ފަރާތުން އަންނަ ޑިޕްލޮމެޓިކް ފިއްތުންތައް ކުރިމަތިވީ ނަމަވެސް ސިފައިން ނުބާލާނެ ކަމަށް އިޒްރޭލުގެ ދިފާޢީ ވަޒީރު އިޒްރޭލް ކަޓްޒް ބުނެފިއެވެ. ކަޓްޒް ވަނީ އެމެރިކާއިން އެދުނަސް ސިފައިން އެ ސަރަޙައްދުގައި ދެމިތިބޭނެ ކަމަށް ސާފުކޮށް ބުނެފައެވެ.
ދެކުނު ލުބުނާނުގައި ޔަހޫދީ ރެޖީމުން ޤާއިމުކޮށްފައިވާ ސަލާމަތީ ސަރަޙައްދާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކަޓްޒް ބުނީ އެ ސަރަޙައްދުން ގެދޮރު ދޫކޮށް ދިޔަ 200،000 ރައްޔިތުން އަނބުރާ އެތަނަށް ދިއުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. މީގެ ކުރިން މިފަދަ ސަރަޙައްދުތަކުގައި ޢާންމު ރައްޔިތުން ދިރިއުޅުމުގެ ސަބަބުން ސިފައިންނަށް އަމާޒުކޮށް މަގުމަތީގައި ބޮން ގޮއްވުމާއި ޙަމަލާތައް ދިނުން ފަދަ ކަންކަން ހިނގާފައިވާތީ، އެފަދަ ކަމަކަށް މިފަހަރު ފުރުސަތު ނުދޭނެ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ދިފާޢީ ވަޒީރު އިޒްރޭލް ކަޓްޒް އަދި ޖެނޮސައިޑް ސިފައިންގެ އިސްވެރިންގެ މެދުގައި ބޭއްވުނު މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ވަނީ، ލުބުނާނުގައި ހުރި ހުރިހާ "ނުރައްކާތަކަކާ" ދެކޮޅަށް ޔަހޫދީ ސިފައިން ވަރުގަދައަށް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ތަކުރާރުކޮށްފައެވެ.
ނަތަންޔާހޫ 'އެކްސް' ގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ބުނީ ދެކުނު ލުބުނާނުގައި ތިބި އިޒްރޭލު ސިފައިންނަށް ކޮންމެފަދަ ނުރައްކަލަކާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމުގެ ފުރިހަމަ މިނިވަންކަން ދީފައިވާ ކަމަށެވެ.






