ޕާކިސްތާނުގެ 2026-27 ވަނަ އަހަރުގެ ބަޖެޓުން ފަގީރުން ފަގީރުކޮށްލާނެ

ޕާކިސްތާނުގެ 2026-27 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މަދަނީ މުޖުތަމަޢުގެ މަންދޫބުންނާއި، އިޤްތިޞާދީ މާހިރުންނާއި، މަސައްކަތްތެރިންގެ ލީޑަރުން އަދި ހައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެ ފަރާތްތަކުން މި ބަޖެޓު ސިފަކޮށްފައިވަނީ އިޤްތިޞާދު ހަމައަކަށް އެޅުވުމުގެ ނަމުގައި އާމްދަނީ ދަށް ޢާއިލާތަކަށް ބުރަ ބޮޑުކުރާ، އަދި މަސައްކަތްތެރިންގެ ޙައްޤުތަކާއި ޖިންސީ ހަމަހަމަކަމަށް އިހުމާލުވާ ބަޖެޓެއްގެ ގޮތުގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާން (އެޗްއާރުސީޕީ) އިން އިންތިޒާމުކުރި ސެމިނާރެއްގައި ބައިވެރިން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ މި މާލީ ސިޔާސަތުތަކުގެ ސަބަބުން މިހާރު ވެސް އޮތް ހަމަހަމަ ނޫންކަން އިތުރަށް ބޮޑުވެ، ނިކަމެތި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ދަށަށްދާނެއެވެ.

އިޤްތިޞާދީ މާހިރު ޑރ. ފަހުދު ޢަލީ ވިދާޅުވި ގޮތުގައި، ތަޢުލީމާއި، ޞިއްޙަތާއި، ކާނާއާއި، އިޖުތިމާޢީ ރައްކާތެރިކަމަށް ޚަރަދުކުރާ މިންވަރު މަދުކުރުމުން އިޖުތިމާޢީ އަދި އިޤްތިޞާދީ ފަރަޤުތައް އިތުރަށް ފުންވެގެންދާނެއެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރައަކީ ދިރިއުޅުމުގެ ޚަރަދުތަކަށް ބަލާއިރު ވަރަށް ކުޑަ މުސާރައެއް ކަމަށާއި، މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުން ވަރުގަދަކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ މާހިރު ޑރ. ހާދިޔާ މާޖިދު ވިދާޅުވީ، ބަޖެޓުގައި ޖިންސީ ހަމަހަމަކަމަށް ދީފައިވާ ވައުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކެއް ކަމަށެވެ. ތަޢުލީމާއި ޞިއްޙަތު ފަދަ މުހިންމު ދާއިރާތަކުގެ ޒިންމާތައް، މާލީ ތާށިކަން ބޮޑު ޕްރޮވިންސްތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ބޭނަޒީރު އިންކަމް ސަޕޯޓް ޕްރޮގްރާމް (ބީއައިއެސްޕީ) އަށް ޚަރަދު އިތުރުކުރި ނަމަވެސް، އެއީ އަސާސީ ކާނާގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ އެހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ލީޑަރު އަދި އޯލް ޕާކިސްތާން ޓްރޭޑް ޔޫނިއަން ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ރުބީނާ ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން އިސްކަންދެނީ މަސައްކަތްތެރިންނަށް އެއްވެސް ލުޔެއް ނުލިބޭ ކަންތައްތަކަށެވެ. ވަޒީފާގެ އެއްބަސްވުންތަކުގެ ދަށުން މަސައްކަތްކުރާ މީހުންނާއި، ގޭތެރޭގައި މަސައްކަތްކުރާ މީހުންނާއި، ދަނޑުވެރިންނާއި، ފެހުންތެރިން އަދި ރިޓަޔަރ ކޮށްފައިވާ މީހުންނަށް މި ބަޖެޓުން އެއްވެސް ރައްކާތެރިކަމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!