އުއިގޫރު މީހުންގެ މުއާމަލާތްތަކާ ބެހޭ ގޮތުން އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކައިފި

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 62 ވަނަ ސެޝަންގައި، ޗައިނާއިން އުއިގޫރު އަންހެނުންނާއި އާއިލާތަކާމެދު އަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ. ވޯލްޑް އުއިގޫރު ކޮންގްރެސްއިން ފާހަގަކުރި ގޮތުގައި، ޗައިނާގެ ސިޔާސަތުތަކުގެ ސަބަބުން އެތައް އުއިގޫރު މައިންނެއް އެމީހުންގެ ދަރިންނާ ވަކިކުރެވި، ދާއިމީ ހިތާމައެއްގެ ތެރޭގައި ދިރިއުޅެމުން އެބަދެއެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއާގެ ރިޕޯޓަށް އަލިއަޅުވާލަމުން ވޯލްޑް އުއިގޫރު ކޮންގްރެސްގެ ނައިބު ރައީސް ޒުމްރަތޭ އާރްކިން ވިދާޅުވީ، ދަރިންނާ ގިނަ ދުވަސްތަކެއް ވަންދެން ވަކިކޮށް، އެ ކުދިން ތިބި ތަނެއް ނޭނގުމަކީ ތަކުރާރުކޮށް ކުރާ އަނިޔާއެއް ކަމަށެވެ. ޗައިނާގެ ޚުދުމުޚުތާރު ސިޔާސަތުތަކާއި، ދަތުރުފަތުރުކުރުމުގެ ހުރަސްތަކާއި، އަދި އާއިލާތައް އެއްކުރުމަށް އޮތް ބޮޑެތި ހުރަސްތަކުގެ ސަބަބުން އެތައް އާއިލާއެއް ބައިބައިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް ތުރުކީގައި ދިރިއުޅޭ އުއިގޫރު ރެފިއުޖީންގެ ތެރޭގައި، ޗައިނާގެ އޮފިޝަލުންގެ ފަރާތުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އަށް އަހަރަށްވުރެ ގިނަ ދުވަސްވަންދެން މައިންބަފައިންނާ ބައްދަލުނުވެ ތިބި ކުދިން އެބަތިބި ކަމަށް އާރްކިން ހާމަކުރެއްވިއެވެ. މީގެ އިތުރުން، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަންހެނުން ހިމޭންކުރުމަށްޓަކައި އެމީހުންގެ ދަރިންނަށް ބިރުދައްކާ ކަމަށާއި، ޗައިނާގައި ތިބި އެމީހުންގެ އާއިލާތަކަށް ނުފޫޒު ފޯރުވައިގެން ރާއްޖެއިން ބޭރުގައި ތިބި އުއިގޫރު އަންހެނުންނަށް ބިރުދައްކަމުންދާ ކަމަށް ވެސް ވޯލްޑް އުއިގޫރު ކޮންގްރެސްއިން ތުހުމަތުކުރިއެވެ.

އާރްކިން އިތުރަށް ކަންބޮޑުވުން ފާޅުކުރެއްވީ އުއިގޫރު އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ ދަރިމައިވުން ކޮންޓްރޯލް ކުރުމުގެ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ގަދަކަމުން ބައިގެން ދިއުމާއި، ދަރިމައިނުވާ ގޮތް ހެދުން ފަދަ އަމަލުތައް ހިމެނެއެވެ. މިފަދަ ކަންބޮޑުވުންތައް 2023 ވަނަ އަހަރު ޗައިނާގެ ހިއުމަން ރައިޓްސް ރިވިއުއެއްގެ ތެރޭގައި ސީޑޯއިން ވެސް ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ފާޑު ކިޔުންތަކާ ދެކޮޅަށް ޗައިނާއިން ހަރުކަށިކޮށް ރައްދު ދެއެވެ. ޗައިނާ ބުނަނީ މިއީ ޗައިނާގެ އަގު ވައްޓާލުމަށް ދައްކާ ހޮޅި ވާހަކަތަކެއް ކަމަށެވެ.

ހިއްސާ ކުރައްވާ!