ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއަށް ފޯނުން ގުޅުއްވައި، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. ސައޫދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ އީރާނާއި އެމެރިކާގެ މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމާތާއި، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ތަންފީޛުކުރުމުގައި ލިބިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
މީގެ އިތުރުން، ދެ ޚާރިޖީ ވަޒީރުން ވަނީ ސަރަޙައްދީ މަސްރަޙުގައި ހިނގަމުންދާ އެންމެ ފަހުގެ ކަންކަމަށް އަލިއަޅުއްވާލައްވައި، ސަރަޙައްދުގެ ހުރިހާ ޤައުމުތަކާއި ރައްޔިތުންގެ މަންފާއަށްޓަކައި ވާހަކަދެއްކުމާއި ޑިޕްލޮމެޓިކް ހައްލުތައް ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް ބަހުސްކުރައްވާފައެވެ.






