އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން، އިރާނުގެ ނިއުކްލިއަރ މާއްދާތައް ނައްތާލުމާއި، އެކަމާ ގުޅޭ ތަހުގީގުތަކާއި ކަށަވަރުކުރުމުގެ މަސައްކަތްތަކަށް 672 މިލިއަން ޑޮލަރު ހޯދުމަށް އެދިއްޖެއެވެ. މިއީ ޖުމްލަ 80 ބިލިއަން ޑޮލަރުގެ ފަންޑިންގެ ބައެކެވެ.
މި ފައިސާ ޚަރަދުކުރަން ހަމަޖެހިފައިވަނީ އިރާނުގައި ހުރި ނިއުކްލިއަރ މާއްދާތައް ކަމަށްވާ "ޔޫރޭނިއަމް ހެކްސަފްލޫރައިޑް"އާއި، އެކި ބައްޓަމަށް ހުރި ޔޫރޭނިއަމް އަދި ރިސާޗް ރިއެކްޓަރުތަކަށް ބޭނުންވާ ތެލާއި، މަތީ ފެންވަރަށް ފައްކާކޮށްފައިވާ ޔޫރޭނިއަމްގެ މައްސަލަތައް ހައްލުކުރުމަށެވެ. އަދި އިރާނުގެ ތެރޭގައި އެމެރިކާއިން ކުރާ ތަހުގީގުތަކަށާއި، ބައިނަލްއަޤްވާމީ އެޓޮމިކް އެނާޖީ އެޖެންސީ ގެ އިންސްޕެކްޝަންތަކަށް މި ފައިސާ ޚަރަދުކުރާނެއެވެ. މީގެ އިތުރުން ނިއުކްލިއަރ މާއްދާތައް އެތެރެކުރުމާއި ބޭރުކުރުމުގެ ވިޔަފާރި ދެނެގަތުމާއި، މެދުއިރުމަތީގައި ނިއުކްލިއަރ އެމަޖެންސީތަކަށް އެހީތެރިވާ ޓީމުތައް ވަރުގަދަކުރުމަށްވެސް މި ފައިސާ ބޭނުންކުރާނެއެވެ.
އެމެރިކާގެ އެނާޖީ މިނިސްޓްރީއަށް މި ފައިސާ ލިބުމުން، އިރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ނުވަތަ ހޯދުމުގެ ޤާބިލުކަން ނައްތާލުމަށް މަސައްކަތް ކުރާނެއެވެ. މިކަމުގެ ތެރޭގައި ނިއުކްލިއަރ ޕްރޮލިފަރޭޝަން ނުވަތަ ނިއުކްލިއަރ ހަތިޔާރު ފެތުރުމާ ގުޅޭ ހައްސާސް މާއްދާތަކާއި ޓެކްނޮލޮޖީއާއި ބިނާތައް ނައްތާލުން ހިމެނެއެވެ.
މި ފަންޑިންގްގެ ކަންކަން ކުރިއަށްދާނީ އެމެރިކާއާއި އިރާނާ ދެމެދު ސުވިޒަލޭންޑުގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިންނެވެ. ޖޫން 17 ގައި ދެ ޤައުމުން ސޮއިކުރި އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ރެގިއުލޭޓް ކުރުމާއި ޔޫރޭނިއަމްގެ މިންވަރު މަދުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އެއްބަސްވުމުގެ ދަށުން ފައްކާކޮށްފައިވާ ޔޫރޭނިއަމްގެ މިންވަރު ދަށްކުރުމަށް ވަނީ ނިންމާފައެވެ.
އިރާނުން އައިއީއޭގެ އިންސްޕެކްޓަރުންނަށް އަލުން ޤައުމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިނުމަކީ ނިއުކްލިއަރ މައްސަލަތަކުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޓްރަމްޕް ވަނީ އިރާނުން ނިއުކްލިއަރ އިންސްޕެކްޝަންތަކަށް ފުރިހަމައަށް އެއްބާރުލުން ދޭން އެއްބަސްވެފައިވާކަމަށް އިއުލާނުކުރައްވާފައެވެ.
އެމެރިކާގެ 80 ބިލިއަން ޑޮލަރުގެ މި ފަންޑިންގްގެ ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޔުކްރެއިން އާއި އިރާނުގެ މައްސަލަތައް ހިމެނޭހެން ކުއްލި ބޭނުން ތަކަށެވެ. މީގެ ތެރޭގައި 21 ބިލިއަން ޑޮލަރު ޕެންޓަގަންއަށް ހަނގުރާމަމަތީ ސާމާނު ގަތުމަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހުށަހެޅުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންގްރެސްއަށް ފޮނުވާނެއެވެ.




