ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންތަކެއް އެމެރިކާގެ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ ތިން ފަނޑިޔާރަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރާ ދެކޮޅަށް މަންހަޓަންގެ ފެޑެރަލް ކޯޓުގައި ދައުވާކޮށްފިއެވެ. މި ދައުވާކޮށްފައިވަނީ 2025 ވަނަ އަހަރު އެ ފަނޑިޔާރުންނާ ދެކޮޅަށް އެމެރިކާ ސަރުކާރުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެއެވެ.

މި ދައުވާކުރެއްވި ފަނޑިޔާރުންނަކީ ކެނެޑާގެ ކިމްބާލީ ޕްރޮސްޓް، ޔޫގަންޑާގެ ސޮލޯމީ ބަލޮންގީ ބޮއްސާ އަދި ބެނިންގެ ރީން އަލަބިނީ ޖަންސޫއެވެ. އެ ފަނޑިޔާރުން ވިދާޅުވާ ގޮތުގައި، އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ޤާނޫނީ ގޮތުން ލިބިފައިވާ ބާރަށް ވުރެ މައްޗަށް ގޮސް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، އެ ފަނޑިޔާރުންގެ ނިންމުންތައް ބަދަލުކުރުމަށްޓަކައި ކުރި ކަމެކެވެ.

އެމެރިކާގެ ސަރުކާރުން މި ފިޔަވަޅުތައް އެޅީ، ޔަހޫދީ ދައުލަތުގެ ލީޑަރުން ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުމާއި، އަދި ކުރިން އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގި ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭގޮތުން އައިސީސީން ފެށި ތަހުގީގާ ގުޅިގެންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ފަނޑިޔާރުންގެ އެމެރިކާގައި ހުރި މާލީ މުދާތައް ހިފެހެއްޓުމާއި، ދަތުރުފަތުރުކުރުމަށް ހުރަސް އެޅުމާއި، އަދި އެމެރިކާގެ ކުންފުނިތަކުން ދޭ ޚިދުމަތްތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

މި ދައުވާގައި ބުނެފައިވަނީ، މި ފިޔަވަޅުތަކަކީ އެމެރިކާގެ އިންޓަނޭޝަނަލް އިމަރޖެންސީ އިކޮނޮމިކް ޕަވާޒް އެކްޓާ ޚިލާފު، އަދި ހަޤީޤީ ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތަކާ ނުލައި އެޅި ފިޔަވަޅުތަކެއް ކަމަށެވެ. މި މައްސަލަ ބައްލަވާ ޤާނޫނީ މާހިރުން ދެކޭގޮތުގައި، މި ދައުވާ ކާމިޔާބުވެއްޖެނަމަ، ބައިނަލްއަޤްވާމީ ފަނޑިޔާރުންގެ މިނިވަންކަމަށް އެމެރިކާއިން ފޯރުވާ ނުފޫޒުތައް ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. ޓްރަމްޕްގެ އިދާރާއިން އަދި މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!