ބަނގްލަދޭޝްގެ ރައްޔިތުންނަށް އިންޑިއާގެ ޓޫރިސްޓް ވިސާ އަލުން ދޫކުރަން ފަށަނީ

އިންޑިއާއިން ބަނގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ އާ ހައި ކޮމިޝަނަރު ދިނޭޝް ތްރިވެދީ، ބަނގްލަދޭޝްގެ ރައްޔިތުންނަށް ޓޫރިސްޓް ވިސާ ދޫކުރުން ޖޫން 28، އިން ފެށިގެން އަލުން ފަށާނެކަން އިއުލާނުކުރައްވައިފިއެވެ.

މި ޚިދުމަތް ފުރަތަމަ މަރުހަލާގައި ލިބޭނީ ޑާކާ، ރާޖްޝާހީ، ޗިޓަގޮންގް، ސިލްހެޓް އަދި ޚުލްނާގައި ހުންނަ އިންޑިއާގެ ވިސާ ސެންޓަރުތަކުންނެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހައި ކޮމިޝަނަރު ވިދާޅުވީ، ޓޫރިސްޓް ވިސާގެ އިތުރުން މެޑިކަލް އަދި އިންސާނީ އެހީތެރިކަމުގެ ބޭނުންތަކަށް ވިސާ ދޫކުރުން ކުރިއެކޭ އެއްފަދައިން ކުރިއަށްދާނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބަނގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ ސަގާފީ މަރުކަޒުތަކަށާއި ވިސާ ސެންޓަރުތަކަށް ގެއްލުންތަކެއް ލިބި، ސަލާމަތީ ނުރައްކާތަކާ ގުޅިގެން ވިސާގެ ހިދުމަތްތައް އިންޑިއާއިން މަދުކުރަން މަޖުބޫރުވިއެވެ. އެހެންނަމަވެސް، ޞިއްޙީ ފަރުވާއަށް އިންޑިއާއަށް ދާންޖެހޭ ފަރާތްތަކުގެ މުހިންމުކަމަށްޓަކައި، އެ ހުރަސްތަކާއެކު ވެސް މެޑިކަލް ވިސާގެ ޚިދުމަތް އިންޑިއާއިން މެދުނުކެނޑި ދެމުން އައިސްފައިވެއެވެ.

އާ ހައި ކޮމިޝަނަރު ދިނޭޝް ތްރިވެދީ މި އިއުލާނުކުރެއްވީ، ބަނގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީއާ ބައްދަލުކުރައްވައި، ހައި ކޮމިޝަނަރުކަމުގެ ލިޔެކިޔުންތައް ހުށަހެޅުއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ހައި ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ތްރިވެދީ ވަނީ ވެސްޓް ބަންގާލްގެ ބަރަކްޕޫރުގެ މެންބަރުކަމާއި، މީގެ ކުރިން އިންޑިއާގެ ސަރުކާރުގައި ޞިއްޙީ އަދި ރޭލްވޭގެ ދާއިރާތަކުގެ ވަޒީރުކަން ވެސް ކުރައްވާފައެވެ.

މި ވިސާގެ ޚިދުމަތްތައް އަލުން ފެށުމަކީ ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދާނެ ކަމެއް ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން އުންމީދު ކުރެއެވެ.

ހިއްސާ ކުރައްވާ!