ދުނިޔޭގެ ބައިބައިވުންތަކުގެ ތެރޭގައި އިންޑިއާ-ދެކުނު ކޮރެއާގެ ގުޅުން ބަދަހިކުރަން ގޮވާލައްވައިފި

ދުނިޔެ ބައިބައިވަމުންދާ މި ދުވަސްވަރު، އިންޑިއާއާއި ދެކުނު ކޮރެއާގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖެއިޝަންކަރު ވިދާޅުވެ އެވެ. "ޝިޕްސް ޓު ޗިޕްސް" (ބޯޓުފަހަރުން ފެށިގެން ސެމިކޮންޑަކްޓަރު ޗިޕްތަކާ ހަމައަށް) ފުޅާ ދާއިރާއެއްގައި ދެ ޤައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މިއީ ހަކަތައާއި ދިފާއީ ދާއިރާ ފަދަ އެތައް ދާއިރާއަކުން ވެސް ފެންނަން އޮތް ފުރުސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، 'ޖެޖޫ ފޯރަމް ފޮރ ޕީސް އެންޑް ޕްރޮސްޕެރިޓީ 2026′ ގައި ވާހަކަފުޅު ދައްކަވަމުން ޖެއިޝަންކަރު ވިދާޅުވީ، ދުނިޔެ ބައިބައިވުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނަސް، ބައިބައިވުމަކީ އެއްގޮތަކުން ބަލާއިރު ރަނގަޅު ކަމެއް ކަމަށެވެ. މީގެ މާނައަކީ މަދު ބަޔަކު ދުނިޔޭގެ ކަންކަން ކޮންޓްރޯލް ކުރާ މިންވަރު ކުޑަވެ، އިތުރަށް ޑިމޮކްރެޓިކް ހަމަތައް ފެތުރިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޕްލައި ޗޭންތަކުގެ ހަރުދަނާކަމާއި އިޤްތިޞާދީ ގުޅުންތައް ދުނިޔޭގައި އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސަކީ ޤައުމުތައް ގުޅުވައިދޭ ވަރުގަދަ ބާރެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޕެންޑަމިކްތަކާއި ޓެރަރިޒަމާއި މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޤައުމުތަކުން އެކުގައި މަސައްކަތް ކުރުން މަޖުބޫރު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި ކަންކަން "ހަތިޔާރަކަށް" ހަދައި، ބާރުގަދަ ޤައުމުތަކުން ފައިދާ ނަގަމުންދާ ކަމަށް ފާޑުކިޔަމުން ޖެއިޝަންކަރު ވަނީ މި ހާލަތު ބަދަލުކުރުމަށް 5 ކަމެއް ހުށަހަޅުއްވާފައެވެ.

  • ދުނިޔޭގެ އިޤްތިޞާދުގައި ހުރި ނުރައްކާތައް ކުޑަކޮށް، އުފެއްދުންތަކާއި ސަޕްލައި ޗޭންތައް ވީހާވެސް ބޮޑަށް ސިންދަފާތުކޮށް ފުޅާކުރުން.
  • ގުޅުންހުރި ޤައުމުތަކުގެ މެދުގައި އިތުރު ފަހުމުނާމާތަކާއި އެއްބާރުލުން އުފެއްދުން.
  • ޤާނޫނުތަކާއި އިންޓަރނޭޝަނަލް ލޯ އަދި އދ. ގެ ކަނޑުގެ ގާނޫނު ހިމާޔަތްކުރުން.
  • ދެކުނުގެ ބިތުގެ ޤައުމުތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން.
  • މަލްޓިލެޓަރަލް ނިޒާމުތަކަށް އިސްލާހު ގެނައުން.

ސޯލްގައި ކުރިއަށްދިޔަ މި ފޯރަމްގައި، ޖެއިޝަންކަރު ވަނީ އިންޑިއާއާއި ދެކުނު ކޮރެއާއަކީ މި ދެންނެވި މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދެވިދާނެ ދެ ޤައުމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ސިޔާސީ، ސްޓްރެޓީޖިކް އަދި ރައްޔިތުންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!