ޕާކިސްތާނުން ނަވާޒް ޝަރީފައި މުހައްމަދު އަލީ ޖިނާހު އެއްވަރު ކުރަނީ

ފެންނަ ފެނުމަށް މިއީ އާދައިގެ ކަމެއްހެން ހީވިޔަސް، ސިޔާސީ ނުފޫޒުތައް ޤައުމީ ރަމްޒުތަކުގެ ތެރެއަށް ވަދެގެން އައުމަކީ މުޅި ޤައުމުގެ އެއްބައިވަންތަކަމަށް އޮތް ނުރައްކަލެއް ކަމަށް ޕާކސިްތާނުގެ ސިޔާސީ ފަންތިން ދެކެއެވެ. ޕާކިސްތާނުގެ ޕަންޖާބު އެސެމްބްލީގެ މެންބަރަކު 5000 ރުޕީސްގެ ނޫޓުގައި ނަވާޒް ޝަރީފުގެ ފޮޓޯފުޅު ޖެހުމަށް ގޮވާލެއްވި ހުށަހެޅުމަކީ ޤައުމީ ފެންވަރުގެ ހޫނު ބަހުސަކަށް ވަނީ ވެފައެވެ.

ޕާކިސްތާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ބާނީ ކަމަށް ގިނަ ބަޔަކު ދެކެނީ ޑރ. ޢަބްދުލް ޤަދީރު ޚާން ކަމަށްވާއިރު، ނަވާޒް ޝަރީފަށް އެ މަޤާމު ދޭން އުޅުމަކީ ތާރީޚީ ހަޤީޤަތްތައް އޮޅުވާލުން ކަމަށް މުއައްރިޚުން ސިފަކުރެއެވެ. ފައިސާގެ ނޫޓަކީ ޤައުމެއްގެ އިޤްތިޞާދީ މިނިވަންކަމާއި އެއްބައިވަންތަކަމުގެ ރަމްޒެވެ. ޤައުމު އުފެއްދެވި ބާނީ، މުޙައްމަދު ޢަލީ ޖިނާހުގެ ފޮޓޯފުޅު ނޫޓުގައި ހިމެނިފައިވަނީ އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅޭ ޤައުމީ ރަމްޒެއްގެ ގޮތުގައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ފައިސާގެ ނޫޓުތަކުގައި ބޭނުންކުރަނީ ސައިންސުވެރިންނާއި، ޤައުމީ ޝަހުސިއްޔަތުންނާއި، އަދި ސަޤާފީ ރަމްޒުތަކެވެ. ސިޔާސީ ލީޑަރުންގެ ފޮޓޯފުޅު ނޫޓުގައި ޖެހުމަކީ ޤައުމީ އެއްބައިވަންތަކަމަށްވުރެ ބޮޑަށް ސިޔާސީ ވާދަވެރިކަމަށް ޖާގަ ދެވޭ ކަމަކަށް ވާތީ، ގިނަ ޤައުމުތަކުން އެކަން މަނާކުރެއެވެ.

މި ހުށަހެޅުމަކީ ޤައުމީ ރަމްޒުތަކުގެ ހުރުމަތް ކަނޑައި، ސިޔާސީ ޕްރޮޕަގަންޑާއަށް ފައިސާގެ ނިޒާމު ބޭނުންކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ޤައުމީ ލީޑަރުންގެ ތާރީޚީ ޚިދުމަތްތަކަކީ އެކަންކަމުގެ ފުރިހަމަ އަގު ވަޒަންކުރަންޖެހޭ ކަންކަމަށް ވިޔަސް، އެ އަގު ވަޒަންކުރުމަށް ފައިސާގެ ނޫޓު ބޭނުންކުރުމަކީ ބުއްދިވެރި ނިންމުމެއް ނޫން ކަމަށް ޕާކިސްތާނުގެ ސަރުކާރުގެ މި ޚިޔާލަށް ފާޑު ކިޔ ާފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!