ޗައިނާގެ ދައުލަތުގެ ބޮޑެތި ބޭންކުތަކުން ޓެކްސް އޮޅުވާލައި، ޤާނޫނާ ޚިލާފަށް ލޯނު ދޫކޮށްފައިވާކަމަށް އޮޑިޓަކުން ދައްކައިފި

ޗައިނާގެ ދައުލަތުގެ ބޮޑެތި ދެ ބޭންކަކުން ބިލިއަން ޔުއާންގެ ޓެކްސް ދެއްކުމުން ރެކި، ޤާނޫނާ ޚިލާފަށް ލޯނު ދޫކޮށްފައިވާކަން ޤައުމީ އޮޑިޓް އޮފީހުގެ ރިޕޯޓަކުން ހާމަވެއްޖެއެވެ. މިހާރު އާންމުކޮށްފައިވާ އާންމުކުރި މި އަހަރީ ރިޕޯޓުގައިވާ ގޮތުން، ޗައިނާގެ އެންމެ ބޮޑު ހަތަރު ބޭންކުގެ ތެރޭގައި ހިމެނޭ 'ބޭންކް އޮފް ޗައިނާ' އިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮގަސްޓް މަހާ ދެމެދު 2.4 ބިލިއަން ޔުއާން (352 މިލިއަން ޑޮލަރު) ގެ ޓެކްސް ނުދައްކާ ވަނީ އޮޅުވާލާފައެވެ.

އޮޑިޓަރުން ބުނާ ގޮތުގައި، ޓެކްސްއިން އިސްތިސްނާވުމަށްޓަކައި، 11 ޕްރައިވެޓް އިކުއިޓީ ފަންޑެއް "ޕަބްލިކް ފަންޑުތަކެއް" ކަމަށް ދައްކައިގެން، ބޭންކުގެ މުވައްޒަފުން މެދުވެރިކޮށް އެ ފަންޑުތަކަށް ކުޑަ އަދަދަކުން ފައިސާ ޖަމާކޮށްގެން މި ޖަރީމާ ހިންގާފައިވެއެވެ.

މީގެ އިތުރުން، 'އެގްރިކަލްޗަރަލް ބޭންކް އޮފް ޗައިނާ' އިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮގަސްޓާ ހަމައަށް، ދަނޑުވެރިކަމުގެ މަޝްރޫޢުތަކަށް 11 ބިލިއަން ޔުއާންގެ ލޯނު ޤާނޫނާ ޚިލާފަށް ދޫކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. މި ފައިސާގެ ބައެއް ބޭނުންކޮށްފައިވަނީ ވެލްތް މެނޭޖްމަންޓް އުފެއްދުންތައް ގަތުމަށާއި، ދަރަނި އަދާކުރުމަށް ކަމަށް ވެއެވެ.

މި މައްސަލަތަކާ ގުޅިގެން 'ބޭންކް އޮފް ޗައިނާ' އިން ބުނެފައިވަނީ، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އެ ބޭންކުން ޤަބޫލުކުރާ ކަމަށާއި، ބޭންކުގެ ޤަވައިދުތަކަށް ބޯލެނބުމުގެ ޤާބިލުކަން އިތުރުކުރާނެ ކަމަށެވެ.

މި ރިޕޯޓުގައި ދައުލަތުގެ އެހެން މާލީ އިދާރާއެއް ކަމަށްވާ 'ޗައިނާ އެވަރބްރައިޓް ގްރޫޕް' ގެ މެނޭޖްމަންޓްގެ ބަލިކަށިކަމާ ބެހޭގޮތުންވެސް ފާޑުކިޔާފައިވެއެވެ. އެ ގްރޫޕްގެ ބައެއް ސަބްސިޑިއަރީތައް ކޮންޓްރޯލް ނުކުރެވޭ މައްސަލައާއި، އެ ބްރޭންޑް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ.

ދައުލަތުން ހިންގާ މިފަދަ ބޮޑެތި ބޭންކުތަކުން މިފަދަ ޖަރީމާތައް ހިންގާފައިވާކަން އެނގުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. "އެ ބޭންކުތަކުން ވައްކަންކުރި ޓެކްސް ފައިސާ ދިޔައީ ކޮންތާކަށް؟" އަދި "އެއް ބޭންކުން 2.4 ބިލިއަން ޔުއާން އޮޅުވާލިނަމަ، އެހެން ބޭންކުތަކުގެ ހާލަތަކީ ކޮބައިބާ؟" ފަދަ ސުވާލުތައް އާންމުން އަންނަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!