ދުނިޔޭގެ މި ޒަމާނުގެ 1 ޓްރިލިއަން ޑޮލަރުގެ މުއްސަނދި ގާރޫނުގެ ލަގަބު ހޯދި އީލޮން މަސްކުގެ މިލްކިއްޔާތު 1 ޓްރިލިއަން ޑޮލަރުން ދަށަށް ވެއްޓި، އޭނާއަށް ލިބިފައިވާ "ޓްރިލިއަނަރު" ގެ ލަޤަބު ގެއްލިއްޖެއެވެ.
މަސްކުގެ މައިގަނޑު ދެ ކުންފުނި ކަމަށްވާ "ޓެސްލާ" އަދި "ސްޕޭސް އެކްސް" ގެ ހިއްސާގެ އަގުތައް ބާޒާރުގައި ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން އޭނާގެ މުއްސަނދިކަމަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. "ފޯބްސް" މަޖައްލާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު މަސްކުގެ މިލްކިއްޔާތަކީ 970.2 ބިލިއަން ޑޮލަރެވެ.
މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު "ސްޕޭސް އެކްސް" ގެ ހިއްސާ ބާޒާރަށް ނެރުމާ ގުޅިގެން، ދުނިޔޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް 1 ޓްރިލިއަން ޑޮލަރުގެ މިލްކިއްޔާތު ހުރި ގާރޫނަކަށް މަސްކު ވިއެވެ. ނަމަވެސް، މި ހަފްތާގައި ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް އައި ލޮޅުންތަކާއި، ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކުގެ ހިއްސާގެ އަގު ދަށްވުމުން އޭނާގެ މުއްސަނދިކަން ޓްރިލިއަން ޑޮލަރުން ދަށަށް ދިޔައީއެވެ.
މީގެ އިތުރުން، އެމެރިކާގެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓް މަތިކޮށްފާނެ ކަމުގެ ބިރުވެރިކަމާއި، "އާޓިފިޝަލް އިންޓެލިޖެންސް" ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް އިންވެސްޓަރުން ދެކޭތީ، ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާ ވިއްކާލާ މިންވަރު ވަނީ އިތުރުވެފައެވެ.
"ޓްރިލިއަނަރު" ގެ ލަޤަބު ގެއްލުނު ނަމަވެސް، ދުނިޔޭގެ އެންމެ މުއްސަނދި ގާރޫނުގެ ލަގަބު މަޤާމު އަދިވެސް އޮތީ އީލޮން މަސްކުގެ އަތުގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރާ، ގޫގުލްގެ ފައުންޑަރ ލެރީ ޕޭޖްގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް 284 ބިލިއަން ޑޮލަރެވެ. މިއީ މަސްކުގެ މިލްކިއްޔާތާ އަޅާބަލާއިރު ބޮޑު ތަފާތެކެވެ.
މަސްކުގެ މުއްސަނދިކަން ގުޅިފައިވަނީ ހިއްސާގެ އަގުތަކާއިއެކު ކަމަށްވާތީ، ޓެސްލާ ނުވަތަ ސްޕޭސް އެކްސްގެ ހިއްސާގެ އަގު ކުރިއަށް އޮތް ތަނުގައި އުފުލިއްޖެނަމަ، އަލުން ޓްރިލިއަނަރެއްގެ މަޤާމު ހޯދުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.






