ސްޕޭނަށް މިހާރު ކުރިމަތިވެފައިވާ ހޫނު ގަދަ މޫސުމުގެ ސަބަބުން، ހަތަރު ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
މެޑްރިޑްގެ ކާލޯސް ތާރޑް ޔުނިވަރސިޓީން މަރުވާ މީހުންގެ އަދަދު ބަލަހައްޓާ ނިޒާމުން ދައްކާ ގޮތުގައި، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 212 މީހަކު ވަނީ މަރުވެފައެވެ. މި ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ މީހުން މަރުވީ ބުދަ ދުވަހުއެވެ؛ އެއީ 95 މީހުންނެވެ. އޭގެ ކުރިން އަންގާރަ ދުވަހު 66 މީހުން، ހޯމަ ދުވަހު 38 މީހުން، އަދި އާދީއްތަ ދުވަހު 13 މީހުން މަރުވެފައިވެއެވެ.
މި މަރުތައް ގުޅިފައިވަނީ 45 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހޫނުވުމުންނެވެ. ސްޕޭނުގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި، 1950 ވަނަ އަހަރުން ފެށިގެން ސްޕޭނުގައި ރެކޯޑުކުރެވުނު އެންމެ ހޫނު ދުވަސްތަކުގެ ތެރޭގައި އަންގާރަ އަދި ބުދަ ދުވަސް ހިމެނެއެވެ.
ސްޕޭނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ޤައުމުގައި ހޫނުގަދަވުމުގެ ސަބަބުން 3،832 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް، މި ފަހަރުގެ ހޫނުގަދަ މޫސުން މިހާރު ސްޕޭނުގައި ނިމުމަކަށް އައިސްފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މިއަދު ބުނެފައިވެއެވެ.



