އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ މައިކް ޖޯންސަން ދެއްކެވި ވާހަކަތަކެއް އިސްލާމްދީނާ ދެކޮޅު އިސްލާމޯފޯބިއާގެ ނަފްރަތުގެ ބަސްތަކެއް ކަމަށް ސިފަކޮށް، އެމެރިކާގެ މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރާ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ "ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް" ކެއަރ އިން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފިއެވެ.
މި މައްސަލަ ފެންމަތިވީ، އެމެރިކާގެ ސިޓީޒަންޝިޕް އާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޯންސަން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ގާނޫނުތަކަށް ތަބާވެ، އެ ގައުމުގެ ސަގާފަތާ ގުޅިގެން މުސްލިމުން އުޅުމަށް އެދޭ ކަމަށާއި، އެމީހުންގެ ދީން ދޫކޮށް ލާދީނީ އުސޫލުތަކަށް ތަބާވެ "ޝަރީއާގެ ހަމަތަކާއި އެފަދަ އެހެނިހެން ކަންކަން" އެމެރިކާގެ މުޖުތަމައުގެ ތެރެއަށް ގެންނަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ކެއަރގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ އެޑްވާރޑް އަހްމަދު މިޝޭލް ވިދާޅުވީ، ސެން ޑިއޭގޯގެ އިސްލާމީ މަރުކަޒުގައި ތިން މީހަކު މަރާލި ހާދިސާ ހިނގިތާ މަދު ހަފުތާތަކެއްގެ ތެރޭގައި ސްޕީކަރ އިސްލާމް ދީނާ މެދު މިފަދަ ނަފްރަތު އުފެދޭ ވާހަކަތައް ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މުސްލިމުން ފަސް ވަގުތު ނަމާދުކުރުމާއި، ރޯދަ ހިފުމަކީ ޝަރީއަތުގެ ހުކުމްތަކަށް ތަބާވުން ކަމަށާއި، މިއީ ޔަހޫދީންގެ ހަލާކާ އުސޫލުތަކާއި އަދި ކެތޮލިކް ދީނުގެ ކެނަން ލޯ އާ އެއްފަދަ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުސްލިމުންގެ ދީނީ ސަގާފީ އަޅުކަމުގެ އަމަލުތަކަކީ އެމެރިކާގެ ސަގާފަތަށް އޮތް ބިރެއް ކަމަށް ވިދާޅުވުމަކީ ޖޯންސަން ޔަހޫދީންނާ ނުވަތަ ކްރިސްޓިއަނުންނާ މެދު ދުވަހަކުވެސް ނުދައްކަވާނެ ފަދަ ނަފްރަތުގެ ވާހަކައެއް މުސްލިމުންނާއި އިސްލާމް ދީނާ މެދު ދެއްކުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ކެއަރ ޖަމިއްޔާއިން ނެރުނު އެންމެ ފަހުގެ ރިޕޯޓެއްގައިވާ ގޮތުން، ޓްރަމްޕް ވެރިކަމަށް އައި ފަހުން، 2025 ވަނަ އަހަރު އެކަނިވެސް މުސްލިމުންނާ ދެކޮޅު ނަފްރަތުގެ 8،683 ޝަކުވާ އެ ޖަމިއްޔާއަށް ހުށަހެޅިފައިވެއެވެ. މިއީ 1996 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން ރިޕޯޓުތައް އާންމުކުރަން ފެށި ފަހުން ރެކޯޑު ކުރެވުނު އެންމެ މަތީ އަދަދެވެ.
މީގެ އިތުރުން، އެމެރިކާގެ ކޮންގްރެސްގެ ބައެއް މެމްބަރުން "ޝަރީއާ" އާ ގުޅޭގޮތުން ބޭއްވި އަޑުއެހުމެއްގައި އިސްލާމްދީނާ ދެކޮޅަށް ހިންގި ނަފްރަތުގެ ހަރަކާތްތަކާއި، ބައެއް ގާނޫނު ހަދާ މެމްބަރުން އެމެރިކާގައި އިސްލާމްދީނަށް އުޅުން މަނާކުރުމަށް ގޮވާލާފައިވާތީ އެކަންވެސް އިން ވަނީ ކުށްވެރިކޮށްފައެވެ.






