އީރާނުގެ ކުރީގެ ލީޑަރު ޢަލީ ޚާމަނާއީގެ ސިއްރު އަދި ރައްކާތެރި ބިންގަރާހެއްގެ ތަފްސީލުތައް ބޭރުގެ މީޑިއާއިން ހާމަކޮށްފިއެވެ. ޔަހޫދީ މީޑިއާއިން އީރާނުގެ ސައިޓަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ގެކޮޅު ކައިރީގައި އީރާނުގެ އިންގިލާބީ ސިފައިން 10 އަހަރު ދުވަހުގެ މަސައްކަތުން "ޙަބީބު އިބްރާހީމީ" ގެ ނަމުގައި ބިމުގެ އަޑީގައި ބޮޑު ބިންގަރާސް މަރުކަޒެއް ބިނާކޮށްފައިވެއެވެ.
މި މަރުކަޒަށް ނަންދެވިފައިވަނީ ޚާމަނާއީގެ ކުރީގެ ޚާއްސަ ޑްރައިވަރު ޙަބީބު އިބްރާހީމީގެ ނަމުންނެވެ.
މި މަރުކަޒު އޮންނަނީ ބިމުގެ އަޑީގައި 100 ފޫޓު އަޑީގައެވެ. މި މަރުކަޒުގެ ތެރޭގައި ގޮވާތަކެއްޗާ ދެކޮޅަށް ޚާއްސަ ރައްކާތެރި ކޮޓަރިއެއް ހުރެއެވެ.
ނުރައްކާތެރި ހާލަތްތަކުގައި ޚާމަނާއީ ގެންދަވަނީ މި ތަނަށެވެ. އަދި 90 ފޫޓު ދިގު މި ބަންކަރުން ނިކުންނަ އެތައް މަގުތަކެއް ހުރެއެވެ. މީގެ ތެރެއިން ބައެއް މަގުތައް ވެރިރަށް ތެހެރާނުގެ ވަލީ އަސްރު ސްޓްރީޓާއި ޕާސްޓަރ ސްޓްރީޓާ ގުޅިފައިވެއެވެ.
މި މަޝްރޫޢު ފެށުނީ 2009 ވަނަ އަހަރު ޚާމަނާއީގެ ހުއްދައާ އެކުއެވެ. މި މަސައްކަތުގެ ޚަރަދުތައް ހަމަޖެއްސީ އިންގިލާބީ ސިފައިންގެ "ޚާތަމުލްއަންބިޔާ ކޮންސްޓްރަކްޝަން ހެޑްކުއާޓާސް" އިންނެވެ. ޚާމަނާއީގެ ސަލާމަތީ ކަންކަމާ ހަވާލުވެ ހުންނެވި ޚާއްސަ ޓީމުގެ ބޭފުޅުން މި މަޝްރޫޢު ބެލެހެއްޓިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، މި ސިއްރު މަރުކަޒަކީ 6 މާރިޗު 2026 ގައި އިސްރާއީލުން ޚާމަނާއީގެ ގެކޮޅަށް ދިން ހަމަލާގެ މައިގަނޑު އެއް އަމާޒެވެ. ނަމަވެސް ސެޓްލައިޓް ފޮޓޯތަކުން އެ މަރުކަޒު ފުރިހަމައަށް ހަލާކުވިކަން ކަށަވަރެއް ނުވެއެވެ.
ޢަލީ ޝަހީދުވީ 28 ފެބްރުއަރީ 2026 ގެ ހެނދުނު، ޕާސްޓަރ ސްޓްރީޓްގައި ހުންނަ ރަސްމީ ގެކޮޅުގައި ދިފާއީ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނިކޮށް، ޔަހޫދީ ޓެރަރިސްޓް ރެޖީމުން ދިން ސީދާ ހަމަލާއެއްގައެވެ.
ފައިނޭންޝިއަލް ޓައިމްސް އިން ރިޕޯޓުކުރި ގޮތުގައި، ޔަހޫދީ ޓެރަރިސްޓް ރެޖީމްގެ ޖާސޫސީ އިދާރާތަކުން ތެހެރާނުގެ ޓްރެފިކް ކެމެރާތަކާއި މުއާސަލާތީ ޓަވަރުތައް ހެކްކޮށް، ޚާމަނާއީގެ ހަރަކާތްތައް ވަރަށް ގާތުން ދިރާސާކުރަމުން ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން ހަމަލާ ދޭންވީ ސީދާ ވަގުތު ދެނެގަތުމަށް ޔަހޫދީންނަށް ފަސޭހަވިއެވެ.






