ޣައްޒާގެ މައުސޫމު ކުޑަކުދިންނާއި އާންމު ރައްޔިތުން ގަތުލުއާންމަކާއި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށްވެ، މުޅި ދުނިޔެ ހިތާމަކުރަމުންދާ ދަނޑިވަޅެއްގައި، ހޮލީވުޑްގެ މަޝްހޫރު ތަރި ގްވނެތް ޕަލްޓްރޯ އިޒްރޭލުގެ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ޕްރޮމޯޓްކުރަން ހެދި އިޝްތިހާރަކީ ޒަމާނުއްސުރެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުން އަންނަ ލިވިއާ ޖިއުޖިއޯލީގެ ނުރުހުމާއި ފާޑުކިއުންތައް އަމާޒުވި ކަމަކަށް ވެއްޖެއެވެ.
އިޓަލީގެ ޓަސްކަނީ އާއި އެމްބްރިއާ ސަރަހައްދުގެ ބޯޑަރުގައި ކާމިޔާބުކަމާއެކު ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރަމުން އަންނަ، އަދި އިނގިރޭސި މަޝްހޫރު އެކްޓަރު ކޮލިން ފާތްގެ ކުރީގެ އަނބިކަނބަލުން ލިވިއާ ޖިއުޖިއޯލީ، ޕާލްޓްރޯގެ މި އަމަލު ސިފަކުރީ "ހުތުރު" އަދި "އިންސާނިއްޔަތުކަމެއް ނެތް" ބޭރަހުމު އަމަލެއްގެ ގޮތުގައެވެ.

އިންސްޓަގްރާމްގައި ހުކުރު ދުވަހު އާންމުކުރި ވީޑިއޯއެއްގައި ލިވިއާ ބުނީ، ޕަލްޓްރޯގެ މި އަމަލަކީ އިންސާނީ ވޭނާއި ހަގީގަތްތަކާ މުޅިން ބީރައްޓެހި، އަދި ނަފްސާނީ ގޮތުން ހިއްސު އައްސިވެފައިވާ މީހެއްގެ ވިސްނުން ކަމަށެވެ.
ފަލަސްޠީނު މީހުން އަތުން ފޭރިގެންފައިވާ ބިންތަކުގައި "ލަގްޒަރީ އެޕާޓްމަންޓެއްގެ އިޝްތިހާރެއް ހެދުން އެއީ ކިހާ ހުތުރު ކަމެއް. ތިޔަބޭފުޅުންނަށް ހަގީގަތް ހާމަވާނީ ކިހާވަރަކުން؟ ނުވަތަ ތިއީ ހަމަ ހަގީގަތުގައިވެސް ނުބައި ނިޔަތެއް އޮތް ޚަސީލަތް ނުބައި މީހެއްތޯ؟" ލިވިއާ ސުވާލުކުރިއެވެ.
ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ހަދާ ލަގްޒަރީ ކޮންޑޯއެއްގެ އިޝްތިހާރުގައި ޕަލްޓްރޯ ނިއުޔޯކްގެ މަގުތަކުގައި ދުވެ، ލަގްޒަރީ ހަޔާތެއްގެ މަންޒަރުތައް ދައްކައެވެ. އަދި، ފަހުން އެ ކޮންޑޯގެ އިޝްތިހާރަށް އިޒްރޭލުގެ ހެޒްލިއާއަށް ދަތުރުކުރާ ކަމަށްވެސް ދައްކައެވެ.
ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ވަނީ ޕަލްޓްރޯއަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ. ސޯޝަލް މީޑިއާގައި އެކަކު ލިޔުނު ގޮތުގައި، "ޣައްޒާގައި ކުޑަކުދިން މަރުވަމުން ދާއިރު، ގްނެތް ޕަލްޓްރޯ ބިޒީވެފައި މިހުރީ އިޒްރޭލުގެ ލަގްޒަރީ އެޕާޓްމަންޓް ޕްރޮމޯޓްކުރުމުގައި. މިއީ އެއްވެސް ޒަމީރެއް އަދި އަޚްލާގީ ހަމައެއް ނެތް، އިސްތިއުމާރީ ބާރަކަށް ވާގިވެރިވުން." ކަމަށް ލިޔެފައި ވެއެވެ.
އިތުރު ބަޔަކު ވަނީ މި އިޝްތިހާރުގައި އިޒްރޭލު ދައްކަން ނިއުޔޯކްގެ މަންޒަރުތައް ބޭނުންކޮށްފައިވާތީ އެކަމަށް ވެސް ފާޑުކިޔާފައެވެ. "އިޒްރޭލަކީ އެހާ ރީތި ތަނެއް ނަމަ، އޭނާ ކީއްވެތޯ ނިއުޔޯކްގެ ސެންޓްރަލް ޕާކުގައި ދުވަނީ؟" އެކަކު ސުވާލުކުރިއެވެ.
ލިވިއާ ޖިއުޖިއޯލީގެ މި ޕޯސްޓާއެކު، އޭނާ ވަނީ ޕަލްޓްރޯ އޭނާގެ ދަނޑަށް ކުރަން އޮތް ޒިޔާރަތް ވެސް ކެންސަލްކޮށްފައިވާ ކަން އަންގާފައެވެ.





