އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެތަކާއި، އެ ތަންތަން މަރާމާތު ކުރުމަށް ޔަހޫދީ ރެޖީމްގެ ބަޖެޓުން ކުރަމުންދާ ބޮޑެތި ޚަރަދުތަކާ ބެހޭ ގޮތުން "ހާރެޓްޒް" ނޫހުން ކުރި ތަހުގީގެއްގައި، ނަތަންޔާހޫގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ފައިސާ ޚަރަދުކުރާ ގޮތާމެދު ސުވާލުތައް އުފައްދައިފިއެވެ.
މި ތަހުގީގުން ހާމަވި ގޮތުގައި، ނަތަންޔާހޫ ވަނީ ދާދި ފަހުން ސިއްރު ގެއަކަށް ބަދަލުވެފައެވެ. ޔަހޫދީ ބޮޑު ވަޒީރުންގެ ރަސްމީ ގެ ކަމަށްވާ "ބެލްފޯ ގަނޑުވަރު" މަރާމާތު ކުރުމަށް 50 މިލިއަން ޝެކެލް (16.7 މިލިއަން ޑޮލަރު) ޚަރަދުކުރަމުންދާތާ 4 އަހަރު ވެފައިވެއެވެ. މި ބެލްފޯރަކީ ޔަހޫދީންނަށް ފަލަސްޠީނު ހިބަ ކުރި މަލްއޫނު އިނގިރޭސި ވަޒީރެވެ!
ނަތަންޔާހޫ ދިރިއުޅޭ ގައިސަރިއްޔާގައި ހުންނަ ފޭރިގެންފައިވާ ފަލަސްޠީނުގެ ޑޮކްޓަރެއްގެ ގެ މަރާމާތު ކުރުމަށް ވެސް 1.7 މިލިއަން ޝެކެލް ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، އޭނާގެ ބައްޕަ ދިރިއުޅުނު ފޭރިގެންފައިވާ ފަލަސްޠީނު އާއިލާގެ ގެއާއި ހިފފައިވާ ފަލަސްޠީނުގެ ވެރިރަށް ގުދުސްގެ އެހެން ގެއަކަށް ވެސް ދައުލަތުގެ ފައިސާއިން އެތައް ސަތޭކަ ހާސް ޝެކެލްއެއް ޚަރަދުކޮށްފައިވެއެވެ.
އީރާނުން ގައިސަރިއްޔާގެ ގެއަށް ޑްރޯން ހަމަލަ ދިނުމުން މިހާރު ނަތަން ވަނީ ސިއްރު ގެއަކަށް ބަދަލު ވެފައެވެ. މިގޭގެ 4 އެޕާޓްމަންޓެއްގެ ކުލި ދައްކަނީ ދައުލަތުގެ ފައިސާއިންނެވެ. މި ގޭގައި ނަތަންޔާހޫ އާއި އޭނާގެ ވަރުޖާޑީ އަންހެނުންނަށް ޚާއްސަކޮށްގެން "ބިއުޓީ ސެލޫނެއް" ވެސް ވަނީ ހަދާފައެވެ.
ނަތަންޔާހޫގެ ގެދޮރުތައް މަރާމާތު ކުރުމަށާއި ޕްލޭން ކުރުމަށް ޔަހޫދީ ރެޖީމުން 32 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާ ކަމަށް އިބްރާނީ ނޫހުގެ ހޯދުންތަކުން ދައްކައެވެ. އަދި ނަތަންޔާހޫގެ ނާލާއިގް ދަރި ޔައީރު ނަތަންޔާހޫ އެނބުރި އައިސް މައިންބަފައިންނާ އެކު ދިރިއުޅެމުންދާ ކަމަށާއި، ދައުލަތުގެ މުވައްޒަފުން އޭނާއަށް ކާބޯތަކެތި ތައްޔާރުކޮށްދިނުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވެއެވެ.
ހާރެޓްޒްއިން ބުނާ ގޮތުގައި، މި ޚަރަދުތައް އާންމުންނަށް ނޭނގޭ ގޮތަށް ސިއްރު ކުރުމަށް ނަތަންޔާހޫ ވަނީ އޭނާއާ ގާތް މީހުން މުހިންމު މަގާމުތަކުގައި ބަހައްޓާފައެވެ. އެގޮތުން، އޭނާގެ އަމިއްލަ ގާނޫނީ ވަކީލު، މައިކަލް ރަބީލޯ މިހާރު ހުރީ ދައުލަތުގެ ހިސާބުތައް ބަލަހައްޓާ މީހާ ގެ މަގާމުގައެވެ.





