ފަލަސްތީނުގެ ނޫސްވެރިޔާ މުޖާހިދު ބަނީ މުފްލިހް، ޔަހޫދީންގެ ޖަލުތަކުގައި 14 މަސް ދުވަސް ހޭދަކުރުމަށްފަހު އެނބުރި އައީ އޭނާގެ ހަށިގަނޑުގައި ފުން ޒަޚަމްތަކެއް ހިފައިގެންނެވެ. އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ފޮޓޯއަކުން ފެންނަނީ އޭނާގެ ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކެވެ. މިއީ އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ރަހީނުންނާ ދޭތެރޭ ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުގެ ހިތްދަތި ހެއްކެކެވެ.
ޖޫން 2025 ގައި ނާބްލުސްގެ ދެކުނުން އޮންނަ ބެއިތާގައި ހުންނަ އޭނާގެ ގެއިން ހައްޔަރުކޮށް، ޖަލަށް ގެންގޮސް، އޭނާއަށް ދިން އަނިޔާތަކުގެ ސަބަބުން އޭނާގެ ޖިސްމާނީ ހާލަތު ވަނީ ނިކަމެތިވެފައެވެ.

މުޖާހިދު ހިއްސާކުރި ވާހަކަތަކަކީ ޖަލުގެ އަނދިރިކަމުގެ ތެރޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑެތި ވޭންތަކެވެ.
"14 މަސް ދުވަސް އަދި އޭގެ ފަހުން ކުރަން ޖެހުނު ފަރުވާގެ ދިގު ދަތުރަކީ އަހަރެން އަބަދަށް ބަދަލުކޮށްލި ކަމެއް. ބަނޑުހައިހޫނުކަމުގެ ހަގީގީ މާނަ އަހަންނަށް އެނގުނު. ކާއެތިކޮޅަކަށް އިންތިޒާރުކޮށް، ބަނޑުގައި ރިހުމާއެކު ނިދައި، ހޭލާއިރު ވެސް އެ ރިހުން ހުރުމަކީ ކޮބައިކަން އެނގުނު،" މުޖާހިދު ލިޔެފައިވެއެވެ.
"ކާއިރު، ނިދާއިރު، އިށީންނައިރު އަދި ތެދުވާއިރު ވެސް އެހެން ބަޔަކު އަމުރުކުރާ ގޮތަށް އުޅެން ޖެހުމަކީ ކޮބައިކަން އަހަންނަށް އެނގުނު. ބިރުވެރިަމުގައި އަމިއްލަ ނަފްސުގެ ޕްރައިވެސީ އާއި ކަރާމާތް ވެސް ވަނީ ގެއްލިފައި." އޭނާ އިތުރަށް ބުނީ އިންސާނީ ކަރާމާތް ނަގާލަން ޔަހޫދީން ދަންނަ ކަމަށެވެ.
ޖަލުން މިނިވަންވި ފަހުން ކުރަމުންދާ ފަރުވާގެ ދަތުރުގެ ވާހަކަ ދައްކަމުން މުޖާހިދު ބުނީ، "އެނދުން ތެދުވުމަކީ ހަނގުރާމައަކަށް ވެފައި، އެންމެ ފިޔަވަޅެއް އެޅުމަކީ ކާމިޔާބީއަކަށް ވެފައިވާ" ހާލަތެއްގަިއ އޭނާ ހުރި ކަމަށެވެ.
މުޖާހިދުގެ ފޮޓޯއާއި އޭނާގެ ހިތްދަތި ވާހަކަތަކުން ސޯޝަލް މީޑިއާގައި ބޮޑު ރާޅެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ސިފަކުރަނީ މިއީ އަސީރުންނާ ދެކޮޅަށް ޔަހޫދީ ރެޖީމުން ހިންގާ ހިމޭން ޖެނޮސައިޑެއް ކަމަށެވެ. އެކުވެރިން ސިފަކުރާ ގޮތުގައި، ހިނިތުންވުމާއި އުފާވެރިކަމުން ފުރިގެންވި މުޖާހިދުގެ މޫނު މިއަދު މިވަނީ ހިތްދަތިކަމާއި ވޭނުގެ އަސަރުތަކުން ފުރިފައެވެ.





