ތައުލީމަކީ ހަނގުރާމައިގެ ހާލަތުގައި ވެސް ހިމާޔަތްކުރަންޖެހޭ ހައްގެއް: އިންޑިއާ

ހަނގުރާމައިގެ ހާލަތްތަކުގައި ވެސް ތައުލީމަކީ ހިމާޔަތްކުރަންޖެހޭ އަސާސީ ހައްގެއް ކަމަށް އދ. ގެ ސެކިއުރިޓީ ކައުންސިލުގައި ވާހަކަފުޅު ދައްކަވަމުން، އދ. އަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ދާއިމީ މަންދޫބު، އެމްބެސެޑަރު ހަރިޝް ޕަރްވަތަނޭނީ ވިދާޅުވެއެވެ. އަދި ހަނގުރާމައިގެ ތެރޭގައި ސްކޫލުތަކަށާއި ކުޑަކުދިންނަށް ހަމަލާދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެކުދިންނަށް ގެއްލުންދޭ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅޭހާ ހިނދަކު، އެ ރައްކާތެރިކަން ފުރިހަމަ ނުވާނެ ކަމަށް އިންޑިއާއިން ބުނެއެވެ. 2025 ވަނަ އަހަރު ކުޑަކުދިންނާ ދެކޮޅަށް 38,558 ބޮޑެތި ޖަރީމާތައް ހިންގާފައިވާކަން އދ. އިން ވަނީ ކަށަވަރުކޮށްފައެވެ. މިއީ 24,174 ކުޑަކުދިންނަށް އަސަރުކޮށްފައިވާ މިންވަރެކެވެ.

އެއް އަހަރުގެ ތެރޭގައި ސްކޫލުތަކަށް ދޭ ހަމަލާތައް 44 ޕަސެންޓް ވަނީ އިތުރުވެފައެވެ. ދުނިޔޭގެ ނިސްބަތުން ކޮންމެ ހަ ކުއްޖަކުން އެކަކު (ޖުމްލަ 473 މިލިއަން ކުދިން) ދިރިއުޅެމުން ދަނީ ހަނގުރާމަވެރި ސަރަހައްދުތަކުގައެވެ.

ހަނގުރާމައިގެ ހާލަތުގައި ތައުލީމު ފޯރުކޮށްދިނުމަށް އިންޑިއާގެ "ޑިކްޝާ" ފަދަ ޑިޖިޓަލް ވަސީލަތްތަކުން އެހީތެރިވެދެވޭނެ ކަމަށާއި، މިފަދަ ޓެކްނޮލޮޖީއަކީ ހަނގުރާމައިގެ ދުވަސްވަރު ކުދިންގެ ތައުލީމަށް އޮތް ބްރިޖެއް ކަމަށް ޕަރްވަތަނޭނީ ވިދާޅުވިއެވެ.

ތައުލީމަކީ ދާއިމީ ސުލްހައަކަށް އެޅޭ އެންމެ ވަރުގަދަ ބިންގާ ކަމަށާއި، ކުއްޖެއްގެ ތައުލީމު ހިމާޔަތްކުރުމަކީ މުޅި ގައުމެއްގެ މުސްތަގުބަލު ހިމާޔަތްކުރުން ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރު އދން ވަނީ އިސްރާއީލާ ދެކޮޅަށް ރިޕޯޓެއ ްނެރެފައެވެ. އެރިޕޯޓްގައި އިސްރާއީލުން ނިޒާމީ ސިފައެއްގައި ކުޑަކުދިންނަށް އަމާޒުކޮށް ޖެނޮސައިޑް ހިންގާފައިވާކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!