އިންޑިއާއަށް އުފަން، އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޝަންކް މިތުރާ އަކީ އެމެރިކާގެ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ޓްރަސްޓެއް ކަމަށްވާ ވެލްޓަވަރގެ ސީއީއޯއެވެ. 2025 ވަނަ އަހަރު 821 މިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ޕެކޭޖެއް ލިބިގެން، ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެގްޒެކެޓިވްގެ ލިސްޓުގެ ދެވަނަ އޭނާ ވަނީ ހޯދާފައެވެ. މި ލިސްޓުގެ އެއްވަނައިގައި ވަނީ ޓެސްލާގެ ބާނީ އިލޮން މަސްކް އެވެ.

ޝަންކް މިތުރާގެ ދަތުރު:
-
އޭނާ ފުރަތަމަ އިންޖިނިއަރިން ޑިގްރީ ފުރިހަމަކުރީ އިންޑިއާގެ ކަލްކަތާގެ ޖާދަވްޕޫރު ޔުނިވާސިޓީންނެވެ. އޭގެ ފަހުން އެމެރިކާއަށް ބަދަލުވެ ކޮލަމްބިއާ ބިޒްނަސް ސްކޫލުން އެމްބީއޭ ހާސިލުކުރިއެވެ.
-
އޭނާ ވަނީ ޕީޑަބްލިއުސީ އާއި ފިޑެލިޓީ އިންވެސްޓްމަންޓްސް އަދި ސިޓަޑެލް ފަދަ ބޮޑެތި ކުންފުނިތަކުގައި އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއިން މަސައްކަތްކޮށްފައެވެ.
-
2016 ވަނަ އަހަރު ވެލްޓަވަރ އާ ގުޅުމަށްފަހު، 2020 ވަނަ އަހަރު އެ ކުންފުނީގެ ސީއީއޯކަމާ އޭނާ ހަވާލުވިއެވެ.
މިތުރާގެ 821 މިލިއަން ޑޮލަރުގެ ޕެކޭޖުގެ 99 ޕަސެންޓަކީ ކުންފުނީގެ ހިއްސާގެ ސިފައިގައި ސީފައިވާ ހަދިޔާ އެވެ. މި ޕެކޭޖަކީ ދިގު މުއްދަތެއްގެ ކާމިޔާބީއާ ގުޅިފައިވާ އެއްޗެކެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާ އޭނާއަށް ލިބޭނީ 2031 ވަނަ އަހަރު އޭނާ އެ ކުންފުނީގައި ދެމިހުރެއްޖެ ނަމައެވެ. އަދި ބާކީ ހުރި ހިއްސާތައް ލިބޭނީ ކުންފުނީގެ މާކެޓް ވެލިއު 45 ޕަސެންޓް އިތުރުވެ، ފަސް އަހަރުގެ ތެރޭގައި ސްޓޮކް މާކެޓްގެ މިންގަނޑުތަކަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމުންނެވެ.
މިތުރާގެ އިތުރުން މި ލިސްޓުގެ 10 ވަނައިގައި، އިންޑިއާއަށް ނިސްބަތްވާ އިތުރު ސީއީއޯއެއް ކަމަށްވާ ޕާއޮލޯ އަލްޓޯ ނެޓްވޯކްސްގެ ނިކޭޝް އަރޯރާ، 100 މިލިއަން ޑޮލަރުގެ ޕެކޭޖަކާއެކު ހިމެނެއެވެ.




