ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގެ ބާރާ ނަމަކަށް ކިޔާ ރަށެއްގައި، ފްރާންސް އަންހެނަކާއި އޭނާގެ ފަސް ދަރިން 12 އަހަރު ވަންދެން އަނިޔާވެރި ފިރިމީހާގެ ބެލުމުގެ ދަށުން ބަންދުކޮށް އަނިޔާކުރަމުން ދިޔަ މައްސަލައެއް ފަޅާއަރައި، އެ އާއިލާ ސަލާމަތްކޮށްފިއެވެ.
ފްރާންސަށް ނިސްބަތްވާ އުމުރުން 54 އަހަރުގެ ސިލްވީ ޔަސްމީނާ އާއި ޕާކިސްތާނު ފިރިމީހާ ކައިވެނިކުރީ 2003 ވަނަ އަހަރު އޮސްޓްރޭލިއާގައެވެ. 2014 ވަނަ އަހަރު އޮސްޓްރޭލިއާއިން ޕާކިސްތާނަށް ބަދަލުވި ފަހުން، ފިރިމީހާ ވަނީ އެ އާއިލާ އެކަހެރިކޮށް ގޭތެރޭގައި ބަންދުކޮށްފައެވެ. މި އާއިލާ ސަލާމަތްވީ އެގޭގައި އުޅޭ ފިރިހެން ދަރިއަކު ކެރިގެން ގެއިން ނުކުމެ ފުލުހުންނަށް މައުލޫމާތު ދިނުމުންނެވެ. މި މަހުގެ 18 ވަނަ ދުވަހު ފުލުހުން ވަދެ އެ އާއިލާ ސަލާމަތްކުރިއިރު، އެމީހުން ދިރިއުޅެމުން ދިޔައީ ވަރަށް ހާލުގައި ބާވެފައިވާ ކޮޓަރިއެއްގެ ތެރޭގައެވެ.

ސިލްވީ ބުނާ ގޮތުން، ފިރިމީހާ ދުވަހަކުވެސް އެ އާއިލާއަށް އަޅާލާފައެއް ނުވެއެވެ. އޭނާ އަންނަނީ ދުވަހުން ދުވަހަށް އާއިލާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރަމުންނެވެ. އެގޭގައި ތިބި ކުދިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އެއްގޮތަކަށްވެސް ދީފައިނުވެއެވެ. ފުލުހުންގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ސަލާމަތްކުރި އިރު އާއިލާގެ މެމްބަރުންގެ ގައިގައި އަނިޔާކުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
މިހާރު މި އާއިލާ ވަނީ ޕޭޝާވަރުގެ ހިޔާވައްސަކަށް ބަދަލުކޮށްފައެވެ. ޕާކިސްތާނުގެ ސަރުކާރުން ވަނީ ފްރާންސްގެ އެމްބަސީއަށް މި މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ އާއިލާ އަނބުރާ ފްރާންސަށް ދާން ބޭނުންވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މިކަމުގައި ޝާމިލުވާ ފިރިމީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.



