ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު އިންތިހާއަށް އުފުލިދާނެ

"އެލް ނީނިއޯ" މޫސުމީ ހާދިސާގެ ސަބަބުން އިންޑިއާގެ ހަކުރު އުފައްދާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު ވަރަށް ބޮޑަށް އުފުލިދާނެ ކަމަށް ރަޝިއާގެ އެގްރިކަލްޗަރަލް އެކްސްޕާޓް، އެނަޓޯލީ ޓިކޮނޮފް އިންޒާރު ދެއްވައިފިއެވެ.

އިންޑިއާއަކީ ދުނިޔޭގައި ހަކުރު އެންމެ ގިނައިން އުފައްދައި ބޭރުކުރާ އެއް ގައުމެވެ. އެލް ނީނިއޯގެ ސަބަބުން އިންޑިއާގެ ހަކުރު އުފެއްދުން އަހަރަކު 3-8 މިލިއަން ޓަނުން ދަށްވެއްޖެނަމަ، އެ ގައުމުން ހަކުރު ބޭރުކުރުން މުޅިން ހުއްޓާލަން ޖެހިދާނެ ކަމަށް ޓިކޮނޮފް ވިދާޅުވިއެވެ.

މިހާރު ވެސް ލަންޑަންގެ ސްޓޮކް އެކްސްޗޭންޖުގައި ހަކުރުގެ އަގު ހުރީ ޓަނަކަށް 660 ޑޮލަރަށް ވުރެ މަތީގައެވެ. އިންޑިއާއިން ހަކުރު ބޭރުކުރުން މުޅިން ހުއްޓާލައިފިނަމަ، ހަކުރުގެ އަގު 750-800 ޑޮލަރާ ދެމެދުގެ އަގެއް އުފުލިދާނެ ކަމަށް ލަފާކުރެވެއެވެ.

މިކަމުގެ ސަބަބުން އެފްރިކާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުގައި ކާބޯތަކެތީގެ އަގު 10-15 ޕަސެންޓް އުފުލި، ފިހާރަތަކުން ހަކުރު ލިބުން ދަތިވެދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ.

ހިއްސާ ކުރައްވާ!