އީރާނަށް އެމެރިކާއިން ދިން އުދުވާނީ ހަމަލައަށް ރައްދު ދީ ބަދަލު ހިފުމުގެ ގޮތުން ބަހުރައިންގައި ހިމާޔަތް ދީފައިވާ އެމެރިކާގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށް އީރާނުން ދިން ހަމަލާ އަރަބި އަދި ފާރިސީ ކަނޑުއޮޅީގެ ގައުމުތަކުން ކުށްވެރިކޮށްފިއެވެ. މި ހަމަލާތަކަކީ ބަހުރޭނުގެ ސިޔާދަތަށް އަރައިގަތުމުގެ ވަރަށް ނުރައްކާތެރި، އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މި ގައުމުތަކުން ބުނެއެވެ. ނަމަވެސް އީރާނުގެ ސިޔާދަތަށް އަރައި ގަތުން މި ގައުމުތަކަށް ވަރިހަކަމަށް ހަދާފައި ވެއެވެ.
މި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު އެވެ. މި ހަމަލާތަކަކީ ބަހުރައިން އިން އެމެރިކާ ސިފައިން ވިލަރފެސްކޮށްގެން ދިން ހަމަލައަށް ދީފައިވާ ރައްދެކެވެ.
ބަހުރޭނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ފޮނުވާލި ޑްރޯންތަކުން އެ ގައުމުގެ ބިމަށް ހަމަލާދިނުމަކީ ބަހުރޭނުގެ ސިޔާދަތަށް ދިން ވަރަށް ބޮޑު ހަމަލާއެއް ކަމަށެވެ. އަދި މިއީ އާންމު ރައްޔިތުންގެ ސަލާމަތަށް ދިން ބިރުވެރި އިންޒާރެއް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، އާންމު ރައްޔިތުން ދިރިއުޅޭ ތަންތަނަށް ހަމަލާދިނުން މަނާކުރާ މުއާހަދާތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ބަހުރޭނުން އިތުރަށް ބުނެފައިވަނީ، ޖޫން 17، 2026 ގައި އިސްލާމްއާބާދު ފަހުމުނާމާއާ އެއްގޮތަށް، އަސްކަރީ ހަމަލާތައް ހުއްޓާލުމަށް އީރާނުން އެއްބަސްވެފައި ވަނިކޮށް، މިފަދަ ހަމަލާތަކެއް ދިނުމަކީ ބައިނަލްއަގްވާމީ މުޖުތަމައަށް އީރާނުން ދިން މަލާމާތެއް ކަމަށެވެ.
ބަހުރައިން އިން ގަސްތުގައި ހަނދާން ނައްތާލާފައި ވަނީ އެ އެއްބަސްވުމުގައި އީރާންގެ ސޔާދަތު ކަށަވަރުކޮށް ހިމާޔަތް ކޮށްފައިވާ ކަމަށާއި ބަހުރައިން އިން އީރާނަށް އެފަދަ ހަމަލައެއް ދޭން ފުރުސަތު ދީގެން ނުވާނެކަމެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވެސް މި ހަމަލާތައް ކުށްވެރިކޮށް، ބަހުރޭނުގެ ސިޔާދަތު ދެމެހެއްޓުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް އެ ގައުމުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. ޚަލީޖުގެ ޕެޓްރޯލް ވިއްކާ ގައުމުތަކުގެ ޖަމުއިއްޔާގެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލްބުދައިވީ ވިދާޅުވީ، ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އީރާނުން މިފަދަ ހަމަލާތަކެއް ދިނުމަކީ ސަރަހައްދުގެ ސަލާމަތް ގަސްދުގައި ފެއިލްކޮށްލަން އީރާނުން ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިމީހުންނަށް މި މޭރުމުން މިމީހުން އެމެރިކާގެ އުދުވާން ކުށްވެރި ކުރާކަށް ނުކެރުނެވެ!
އިމާރާތާއި، ކުވައިތު، ގަތަރު، މިސްރު އަދި އުރުދުން ފަދަ ގައުމުތަކުން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށްފައެވެ.







