ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ސިންދު ރޭންޖާސްގެ ހެޑްކުއާޓަރަށް އަމާޒުކޮށް ދިން ޖާނު ގޮއްވާލުމުގެ ހަމަލާއެއްގައި ހަތަރު މީހަކު މަރުވެއްޖެއެވެ.
-
މިއީ ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. ހަމަލާ ދިން ފަރާތުން އެންމެ ފުރަތަމަ ވަރުގަދަ ގޮވުމެއް ގޮއްވާލުމަށްފަހު، އެ ގްރޫޕުގެ އެހެން މެންބަރުން ވަނީ ސަލާމަތީ ފައުޖުތަކަށް އަމާޒުކޮށް ބަޑިޖަހަން ފަށާފައެވެ.
-
މި ހަމަލާގައި ތިން ރޭންޖާސް އޮފިސަރުންނާއެކު ޖުމްލަ ހަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
-
ފުރަތަމަ ގޮވި ބާރުގަދަ ގޮވުމަށްފަހު، އިތުރު ދެ ގޮވުމެއް ގޮވި ކަމަށާއި، އެއަށްފަހު ގާތްގަނޑަކަށް ބައި ގަޑިއިރު ވަންދެން ބަޑީގެ ހަމަލާތައް ބަދަލުކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
-
ހަމަލާ ހިނގި ގުލިސްތާނޭ ޖައުހަރު ސަރަހައްދު މިހާރު ވަނީ ބަންދުކޮށް، ސަލާމަތީ ފައުޖުތަކުން އެ ސަރަހައްދު ހަމައަކަށް އެޅުވުމުގެ މަސައްކަތް ފަށާފައެވެ. ސިންދު ޕްރޮވިންސްގެ ޗީފް މިނިސްޓަރު ސައިދު މުރާދު އަލީ ޝާހު ވަނީ މި ހާދިސާގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް އަމުރުކުރައްވާފައެވެ.




