ޓެންޓެއްގެ ތެރޭގައި ދިރިއުޅެމުން، ގާޒާގެ ދަރިވަރުން ހަދަނީ މުސްތަގުބަލުގެ އިމްތިހާނު

އުމުރުން 18 އަހަރުގެ ދާނާ ޝާބަތުގެ ދިރިއުޅުމުގެ އެންމެ މުހިންމު ހަފުތާއަކީ މިއީއެވެ. އޭނާގެ ހައި ސްކޫލް ނިންމާ އިމްތިހާނުތައް ހަދަމުން ދަނީ އުނގުތެރޭގައި ފޮތްތައް ބާއްވައިގެން މޭޒުތަކުގައެއް ނޫނެވެ. އޭނާ އެ އިމްތިހާނުތައް ހަދަމުން ދަނީ ގެދޮރު ގެއްލި، ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އާއިލާ ދިރިއުޅޭ ޓެންޓެއްގެ ތެރެއިން ނުކުމެ، އެތައް ކިލޯމީޓަރެއް ހިނގާފައި ގޮސް ކެފޭއަކުން ލިބޭ އިންޓަނެޓްގެ އެހީގައެވެ.

ދާނާ އަކީ އަބަދުވެސް 99 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ނަމަވެސް މިފަހަރުގެ އިމްތިހާނަކީ އޭނާގެ މުސްތަގުބަލު ކަނޑައަޅާނެ މިންގަނޑުކަން އޭނާ ދަނެއެވެ. ޒަޚަމްތަކާއި ހިތާމަތަކުން ފުރިފައިވާ ޣައްޒާގެ ބިމުން ދުރުވެ، މޮޅު ސްކޮލަޝިޕެއްގައި ގައުމުން ބޭރަށް ގޮސް މުސްތަގުބަލެއް ބިނާކުރުމަކީ ދާނާގެ އެންމެ ބޮޑު ހުވަފެނެވެ.

ދާނާގެ ވާހަކަ އަކީ ހިތްދަތި ކަމުން ފުރިފައިވާ ވާހަކައެކެވެ. މީގެ ދެ އަހަރަށްވުރެ ގިނަ ދުވަސްކުރިން ހިނގި ހަމަލާއެއްގައި އޭނާގެ ލޯބިވާ މަންމަ ވަނީ ޝަހީދުވެފައެވެ. އޭނާގެ ކުޑަކުޑަ ކޮއްކޮގެ ލޯ ވަނީ ގެއްލިފައެވެ. ކުރިން އުފާވެރި ދިރިއުޅުމެއް އުޅުނު އެ އާއިލާ މިހާރު ދިރިއުޅެމުން ދަނީ ދޭރުލް ބަލަޙުގެ ޓެންޓެއްގައެވެ.

"އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންގެ ހަޔާތުގެ އެންމެ މުހިންމު ދުވަސްތައް މިފަދަ ހާލަތެއްގައި ހޭދަކުރަން ޖެހޭނެ ކަމަށް،" ދާނާ ބުންޏެވެ. "ތިން އަހަރުގެ ތައުލީމު ގެއްލުމުން ނުފުދޭތަ؟ މިހާރު އިމްތިހާނު ހެދުމަކީ ވެސް ބޮޑު ބިރުވެރިކަމަކަށް ވެއްޖެ."

ކޮންމެ ދުވަހަކު ފަތިހު، ދާނާ އޭނާގެ ބައްޕައާއެކު ކެފޭއަށް ހިނގައިގަނެއެވެ. އެއީ ރަނގަޅަށް ކަރަންޓާއި އިންޓަނެޓް ލިބޭނެ ކަމުގެ އުންމީދުގައެވެ. 9 ޖަހާއިރު އޮންލައިންކޮށް އިމްތިހާނު ފަށާއިރު، އެ ކެފޭގައި ތިބޭ އެތައް ދަރިވަރުންނެއްގެ މޫނުމަތިން ފެންނަނީ އެއް އަޒުމެކެވެ. އެމީހުންގެ ބައްޕައިން ކެފޭގެ ބޭރުގައި، ދަރިންގެ މުސްތަގުބަލަށްޓަކައި ދުއާކުރަން ތިބެއެވެ.

ދާނާގެ ބައްޕަ، ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި މުހައްނާ ޝާބަތު ބުނާ ގޮތުގައި، އޭނާގެ ހުރިހާ ވަސީލަތެއް ހޭދަކުރީ ދާނާގެ މި އިމްތިހާނަށް ތައްޔާރުކުރުމަށެވެ. "މަންމަ ދުނިޔޭގައި ހުރިނަމަ، ދަރިންގެ މި ހާލަތު ފެނިފައި ވަރަށް ދެރަވާނެ،" އޭނާ ބުންޏެވެ.

ފިޒިކްސް އިމްތިހާނު ނިންމާލުމަށްފަހު، ދާނާ ކެފޭއިން ނުކުތީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއެކުއެވެ. އޭނާ ބުނީ ސުވާލުތައް ފަސޭހަ ކަމަށެވެ. ނަމަވެސް އެއީ އޭނާގެ ދިރިއުޅުމުގެ އެންމެ ފަސޭހަ ދުވަހެއް ނޫނެވެ. ކަރަންޓު ނެތުމުގެ ގޮންޖެހުމާއި، މުސްތަގުބަލާ މެދު އޮތް ނޭނގުމުގެ ބިރުވެރިކަން އަބަދުވެސް އޮވެއެވެ.

އެހެންނަމަވެސް، ދާނާގެ ހިތުގައި ހުވަފެންތައް އަދިވެސް އެބަހުއްޓެވެ. އޭނާ ބޭނުންވަނީ މުޖުތަމައަށް އަސަރުކުރާ ލީޑަރަކަށް ވާށެވެ. ބަސްތައް ދަސްކޮށް، މޮޅު މީހަކަށް ވާށެވެ. އޭނާގެ އެންމެ ބޮޑު އަޒުމަކީ މަންމަ އުފާވާނެ ފަދަ ކާމިޔާބު އިންސާނަކަށް ވުމެވެ. ޓެންޓެއްގެ ތެރޭގައި ދިރިއުޅުނަސް، ދާނާގެ ލޮލުގައި އޮތީ މާދަމާގެ އުއްމީދެވެ. އޭނާގެ ހަނގުރާމައަކީ ހަމައެކަނި އިމްތިހާނެއް ނޫނެވެ. އެއީ ދިރިހުރުމުގެ، އަދި ކާމިޔާބު ހޯދުމުގެ ހަނގުރާމައެކެވެ.

ހިއްސާ ކުރައްވާ!