data
data

އެމެރިކާގެ އެރިޒޯނާގައި ފެނުގެ ދަތިކަން ބޮޑުވެ، އާންމުން ޑޭޓާ ސެންޓަރުތަކާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފި

އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައި ފެނަށް ޖެހުމުން، އެ ސަރަހައްދުގައި އިމާރާތްކުރަން ހަމަޖެހިފައިވާ ބޮޑެތި ޑޭޓާ ސެންޓަރުތަކާ ދެކޮޅަށް އާންމު ރައްޔިތުން ތެދުވެއްޖެއެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މޫސުމީ ބަދަލުތަކާ ގުޅިގެން ފެން ލިބޭ މިންވަރު މަދުވެފައިވާއިރު، މި ޑޭޓާ ސެންޓަރުތަކުގެ ސަބަބުން ބޯފެނާއި ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި، އަގުތައް އިންތިހާއަށް އުފުލިގެން ދިއުމެވެ.

ޓޫސަން ސިޓީއަށް އެންމެ ބޮޑަށް ފެން ފޯރުކޮށްދޭ ކޮލޮރާޑޯ ކޯރުން ފެން ލިބޭ މިންވަރު ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ދަށްވެފައެވެ. މި ހާލަތުގައި ބީލް އިންފްރާސްޓްރަކްޗަރ ކުންފުނިން ޓޫސަން އަދި މަރާނާ ސަރަހައްދުގައި އެތައް ބިލިއަން ޑޮލަރެއްގެ "ޕްރޮޖެކްޓް ބްލޫ" ޑޭޓާ ސެންޓަރުތައް އެޅުމަށް ވަނީ ހުށަހަޅާފައެވެ.

މިކަމާ ދެކޮޅަށް "ނޯ ޑެޒަރޓް ޑޭޓާ ސެންޓަރ" ގެ ނަމުގައި ރައްޔިތުންގެ ހާއްސަ ހަރަކާތެއް ވަނީ ފަށާފައެވެ. މި ހަރަކާތުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި، ފާއިތުވި 30 އަހަރު ދުވަހު އެ ސަރަހައްދު އޮތީ ބޮޑު ހަނަފަސްކަމެއްގެ ތެރޭގައެވެ. އަދި އާންމު ރައްޔިތުން ފެން ސަލާމަތްކުރަން އެތައް މަސައްކަތެއް ކުރަމުންދާއިރު، މިފަދަ ބޮޑެތި މަޝްރޫއުތަކަށް އެންމެ ފެން ތިއްކެއްވެސް ދޫކުރަން އެމީހުން ބޭނުމެއް ނުވެއެވެ.

ފެން ނުލިބޭނެކަން ޔަގީންވުމާއެކު، ބީލް ކުންފުނިން ވަނީ ފެނުގެ ބަދަލުގައި އެއަރކޯން (އޭސީ) ބޭނުންކޮށްގެން ސަރވަރުތައް ފިނިކުރާ ގޮތަށް ޕްރޮޖެކްޓް ބަދަލުކޮށްފައެވެ. ނަމަވެސް، މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ޓޫސަން އިލެކްޓްރިކް ޕަވަރ (ޓީއީޕީ) އިން މިހާރުވެސް ކަރަންޓުގެ އަގުތައް ބޮޑުކުރަން ނިންމާފައިވާއިރު، ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ ސަބަބުން އާންމު ރައްޔިތުންގެ ކަރަންޓު ބިލުތައް އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މީގެ އިތުރުން، ބޮޑެތި ޑޭޓާ ސެންޓަރުތަކުން ބޭރުކުރާ ހޫނުގެ ސަބަބުން ސަރަހައްދުގެ ހޫނުމިން އިތުރަށް މައްޗަށް ދާނެކަމަށް ތިމާވެށީގެ ތަޖުރިބާކާރުން އިންޒާރުދެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޑޭޓާ ސެންޓަރުތައް ހުންނަ ސަރަހައްދުތަކުގެ ފިނިހޫނުމިން އާންމު ގޮތެއްގައި މަތިވެއެވެ.

ރައްޔިތުންގެ މެދުކެނޑުމެއްނެތް ފާޑުކިޔުންތަކާއި މުޒާހަރާތަކުގެ ސަބަބުން، ޕިނާލް ކައުންޓީގައި އަޅަން އުޅުނު އެންމެ ބޮޑު ޑޭޓާ ސެންޓަރު "ލަ އޯސާ" ޕްރޮޖެކްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ. އެގޮތުން، ފުރަތަމަ 59 ޑޭޓާ ސެންޓަރު އެޅުމަށް ނިންމާފައި އޮތް ނަމަވެސް، ރައްޔިތުންގެ ޕްރެޝަރާ ހެދި އެ އަދަދު ވަނީ 11 އަށް މަދުކޮށްފައެވެ.

އެރިޒޯނާގެ އާންމުން ބުނާ ގޮތުގައި، އިގްތިސާދީ ގޮތުން ކުޑަ ފައިދާއެއް ލިބުނު ނަމަވެސް، ބޯފެނާއި ދިރިއުޅޭ މާހައުލުގެ ސަލާމަތްތެރިކަން ގުރުބާން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ހިއްސާ ކުރައްވާ!