ޕާކިސްތާންގެ ޓީވީ ބަލާ މީހުންގެ ދީނީ އިހުސާސްތަކަށް ގެއްލުންވާ ފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ، ޕާކިސްތާނުގެ އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީ (ޕެމްރާ) އިން ޖިއޯ ނިއުސްގެ ޕްރޮގްރާމުތައް ދުރަށް ފޮނުވުން 15 ދުވަހުގެ މުއްދަތަކަށް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ހޮނިހިރު ދުވަހު ނެރުނު ޕެމްރާގެ މި އަމުރުގައި ބުނީ، ޖިއޯ ނިއުސްއިން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ހިމެނޭ މައުލޫމާތުތަކަކީ ޕާކިސްތާނުގެ ދީނީ، ސަގާފީ އަދި އިޖުތިމާއީ ހަމަތަކާ ޚިލާފު ކަންކަން ކަމަށެވެ. އަދި މިއީ ޕެމްރާގެ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވައިދުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މި އަމުރުގައި ބުނެފައިވަނީ ޖިއޯ ނިއުސްގެ ސެޓެލައިޓް އަދި އެހެނިހެން ޑިސްޓްރިބިއުޝަން ނެޓްވޯކްތަކުން 15 ދުވަހުގެ މުއްދަތަށް އެ ޗެނަލް ދެއްކުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލަ އިތުރަށް ބެލުމަށް ޕެމްރާގެ ޝަކުވާ ބަލާ ޑިވިޜަނަށް ވަނީ ފޮނުވާފައެވެ. އަދި އެޑިޓޯރިއަލް އަދި މޮނިޓަރިންގެ ދާއިރާއިން ވެފައިވާ އިހުމާލުތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ހުށަހެޅުމަށް ޖިއޯ ނިއުސްއަށް ވަނީ އަންގާފައެވެ.
މިކަމާ ގުޅިގެން ޖިއޯ ނިއުސްއިން ވަނީ މައާފަށް އެދި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ދައްކާފައިވާ ކޮންޓެންޓަކީ އިރާގާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ބައެއް ފަރާތްތަކުން ބާއްވާ ޚާއްސަ ރަސްމިއްޔާތުތަކެއް ކަމަށާއި، އެއީ ޖިއޯ ނިއުސްގެ އެޑިޓޯރިއަލް ވިސްނުމެއް ނޫން ކަމަށެވެ.
"މި ކޮންޓެންޓަކީ ޖިއޯ ނިއުސްއިން އުފެއްދި އެއްޗެއް ނޫން. އަދި އެއީ އެއްވެސް ދީނީ ފިކުރެއް ޕްރޮމޯޓް ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން. މުސްލިމް އުންމަތުގެ ދީނީ އިހުސާސްތަކަށް އިހުތިރާމް ކުރުމުގައި ޖިއޯ ނިއުސް ދެމިއޮންނާނެ،" ޖިއޯ ނިއުސްގެ ބަޔާނުގައިވެއެވެ.
ޖިއޯ ނިއުސްއިން އިތުރަށް ބުނި ގޮތުގައި، މި މައްސަލަ ހާމަވުމާއެކު އެ ކޮންޓެންޓް ވަގުތުން ވަނީ ނަގާފައެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް އެ ކުންފުނިން ވަނީ ފިޔަވަޅު އަޅާފައެވެ.




