މެދުއިރުމަތީގެ ހާލަތު އިންތިހާއަށް ނާޒުކުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޅި ސަރަހައްދު ސިއްސުވާލާފަދަ ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ. ޓްރަމްޕް ވިދާޅުވަނީ ހިޒުބުﷲ އާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، މި ހަނގުރާމަ "ނިންމުމަށް" ސޫރިޔާގެ އާ ސަރުކާރާ އެކަން ހަވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އިޒްރޭލަށް ހުށަހެޅީ ހިޒުބުﷲ ބަލިކުރުމުގެ މަސައްކަތް ސޫރިޔާއާ ހަވާލުކުރަން. ތެދަށް ބުނަންޏާ، އަޅުގަނޑަށް ހީވަނީ އެމީހުންނަށް މިއަށްވުރެ ރަނގަޅަށް އެކަން ކުރެވޭނެހެން،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، ސުވިޒަލެންޑްގައި ފެށި އެމެރިކާ-އީރާން މަޝްވަރާތަކުގެ ދުވަސްތަކުގައިވެސް ޓްރަމްޕް ވަނީ އިޒްރޭލަށް ހިޒުބުﷲ ބަލިނުކުރެވޭތީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، ސޫރިޔާގެ ރައީސް އަހުމަދު އައްޝަރަޢަގެ ސަރުކާރަކީ އިޒްރޭލަށް ވުރެން ރަނގަޅަށް ހަމަލާތައް އަމާޒުކުރެވޭނެ ބައެއް ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ސޫރިޔާގެ ރައީސް އަހުމަދު އައްޝަރަޢަ ވަނީ މިކަމުގައި އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަކުރައްވައި، ޓްރަމްޕްގެ ވާހަކަތައް ނުބައިކޮށް މާނަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޓްރަމްޕް މި ހިޔާލު ދޫކޮށްލައްވަން ދެކޮޅު ހައްދަވައެވެ.
މި ހުށަހެޅުމުގެ ސަބަބުން ސަރަހައްދުގެ ގައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ.
-
ލުބުނާނު: ސޫރިޔާއިން އަރައިގަތުމެއް އަތުވެދާނެ ކަމުގެ ބިރު ބޮޑުވެ، ލުބުނާނުގައި ވަނީ ބިރުވެރިކަން ފެތުރިފައެވެ.
-
އިޒްރޭލު: ސޫރިޔާގެ އާ އިސްލާމީ ސަރުކާރާ މެދު އިޒްރޭލު ދަނީ ޝައްކުގެ ނަޒަރުން ބަލަމުންނެވެ. އިޒްރޭލުން މިހާރު ވަނީ ސޫރިޔާގެ ދެކުނުގެ ބައެއް ސަރަހައްދުތައް ހިފައިފައެވެ.
މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ހިޒުބުﷲ އިން އިޒްރޭލަށް ހަމަލާ ދިން ފަހުން، އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި 4,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޓްރަމްޕްގެ މި ފިތުނަވެރި ހުށަހެޅުމަކީ މެދުއިރުމަތީ އިތުރަށް ހަލަބޮލިކޮށްލުމުގެ ސަހުޔޫނީ ރޭވުމެއް ކަމަށް ބެލެވެއެވެ.





