ލުބުނާނުގެ ދެކުނާއި އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކުގައި ހިޒްބުﷲ އިން ބޭނުންކުރަމުންދާ ކުދި ޑްރޯންތަކަކީ މިހާރު އިޒްރޭލުގެ ސިފައިން އެންމެ ބޮޑަށް ބިރުގަންނަ ހަތިޔާރެވެ. މި ޑްރޯންތަކަކީ މީހުންނަށް ނޭނގި އަމާޒުތަކާ ކައިރިވެ، އިސްރޭލުގެ ޓޭންކްތަކަށް އަދި އަޔަން ޑޯމް ނިޒާމުތައް ފަދަ ވަރުގަދަ އަމާޒުތަކަށް ވަރަށް މުނާސިބު ގޮތެއްގައި ހަމަލާދޭ އުޅަނދުތަކެކެވެ.
ހިޒްބުﷲ އިން މިހާރު ބޭނުންކުރާ ޑްރޯންތަކަކީ ފައިބާ އޮޕްޓިކް ކޭބަލް ގުޅައިގެން ކޮންޓްރޯލް ކުރާ އުޅަނދުތަކެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ރޭޑިއޯ ފްރިކުއެންސީގެ ސިގްނަލްތައް ބޭނުންކުރަން ނުޖެހެއެވެ. މި ޑްރޯންތައް ހޯދުމަށް ރޭޑިއޯ ސިގްނަލްތައް ބޭނުންކުރުމުގެ ފުރުސަތެއް އިޒްރޭލަކަށް ނުލިބެއެވެ. އަދި ރޭޑިއޯ ސިގްނަލް ނުބޭނުންކުރާތީ، އިޒްރޭލުގެ ޖޭމިން ނިޒާމުތަކަށް މި ޑްރޯންތައް ހުއްޓުވުމަކީ އުނދަގޫ ކަމެކެވެ. މީގެ އިތުރުން، މި ޑްރޯންތައް ބޯތަށްޓެއްގެ ސައިޒަށް ހުރުމުން، އެއާ ޑިފެންސް ރާޑަރުތަކުން ފެނުމަށް ވެސް ވަރަށް އުނދަގޫވެއެވެ.
މި ނުރައްކަލާ ދެކޮޅަށް އިޒްރޭލުގެ ސިފައިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އަސްކަރީ މަރުކަޒުތަކާއި ސިފައިންގެ އަމާޒުތަކުގެ މަތީގައި ބޮޑެތި ދާތައް ދެމުން ހިމެނެއެވެ. އަދި ސިފައިންނަށް ޚާއްސަ ސާޅަނގަތަކާއި ވިއްސައިގެންދާ ބާވަތުގެ ވަޒަންތައް ދީފައިވެއެވެ. މީގެ އިތުރުން، ރާޑަރުތަކުން ނުފެންނަ މި ޑްރޯންތައް ހޯދުމަށްޓަކައި، އެކި ބާވަތުގެ ސެންސަރުތަކާއި ދުރުން އަޑު ހޯދާ ނިޒާމުތައް ގުޅުވައިގެން ބޭނުންކުރުމަށް އަމިއްލަ ކުންފުނިތަކަށް މިހާރު ވަނީ ގޮވާލާފައެވެ.
އިޒްރޭލުގެ ގިނަ ބަޔަކު މިކަމާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރެއެވެ. އެގޮތުން، ޔޫކްރެއިން ހަނގުރާމައިގައި މިފަދަ ޑްރޯންތައް ބޭނުންކުރާކަން އެނގިފައި އޮތް ނަމަވެސް، އިޒްރޭލުން އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ނުވާކަމަށް ފާޑުކިއުންތެރިން ބުނެއެވެ. ޔޫކްރެއިނުން މިކަމުގައި އެހީތެރިވާން ހުށަހެޅި ނަމަވެސް، އިޒްރޭލުގެ އަސްކަރީ ލީޑަރޝިޕުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.






