އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބްރިކްސް ޖަމާއަތުގެ ޤައުމުތަކުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުންނާއި އިސް ސަލާމަތީ އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ. ނިއުދިއްލީގައި ބްރިކްސް ކޮންފަރނެސާއެކު ބޭއްވުނު މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވަނީ، ދުނިޔެއަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކުން އަރައިގަތުމުގައި ބްރިކްސްގެ ދައުރު ފުޅާވަމުންދާކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ޖިއޯޕޮލިޓިކަލް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިމަތިވާ އާ ގޮންޖެހުންތަކަށް ވިސްނައި، މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ބައިނަލްއަޤްވާމީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމާއި، އަދި އަލަށް އުފެދެމުންދާ ޓެކްނޮލޮޖީތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމާ ބެހޭގޮތުންނެވެ. މޯދީ ވިދާޅުވި ގޮތުގައި ބްރިކްސްގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ މިފަދަ ބޮޑެތި ނުރައްކާތަކުން ދުނިޔެ ސަލާމަތެއް ނުކުރެވޭނެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދައުރުގައި ބްރިކްސްގެ ރިޔާސަތު އިންޑިއާއިން ބަލަހައްޓާނެތީ، އެ ދައުރުގައި އިންޑިއާއިން އިސްކަންދޭނެ ކަންތައްތައްވެސް ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ. އިންޑިއާގެ ރިޔާސަތުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ "ގްލޯބަލް ސައުތު" އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، އަމަލީ ގޮތުން ދެވޭނެ އެހީތެރިކަން އިތުރުކުރުމަށެވެ. ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އިންޑިއާގެ ރިޔާސަތުގައި މަސައްކަތް ކުރާނީ މުޅި ދުނިޔެއަކީ ރައްކާތެރި، އަމާން އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ތަނަކަށް ހެދުމަށް ކަމަށެވެ. ބްރިކްސް ޖަމާއަތަކީ ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާގެ އިތުރުން ދާދިފަހުން ގުޅުނު އާ ޤައުމުތައް ހިމެނޭހެން ދުނިޔޭގެ އިޤްތިޞާދާއި ސިޔާސީ މަސްރަހުގައި ބޮޑު ނުފޫޒެއް ފޯރުވަމުންދާ ޖަމާއަތެކެވެ.





