އޮސްޓްރޭލިއާ އާއި އިންޑިއާއިން ސާޗް އެންޑް ރެސްކިއު ތަމްރީނުތަކެއް ފަށައިފި

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އޮސްޓްރޭލިއާ އާއި އިންޑިއާ ގުޅިގެން ޚާއްޞަ ސާޗް އެންޑް ރެސްކިއު ވޯކްޝޮޕެއް އަދި ތަމްރީނުތަކެއް އިންޑިއާގެ ޗެންނާއީގައި ބާއްވައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ހަރަކާތް ބޭއްވުނީ ޗެންނާއީގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ގައެވެ. މި ތަމްރީނުތަކުގައި އިންޑިއާ ކަނޑުގެ ވަށައިގެންވާ ޤައުމުތަކުގެ ޖަމާއަތް އައޯރާގެ މެންބަރު ޤައުމުތަކުގެ ސާޗް އެންޑް ރެސްކިއު މާހިރުން ބައިވެރިވިއެވެ.

މި ޕްރޮގްރާމަކީ އައިއޯރާގެ ގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ވޯކިންގް ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ އޮސްޓްރޭލިއާއިން، އިންޑިއާއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ފެސިލިޓޭޓް ކޮށްދިނީ އޮސްޓްރޭލިއަން ނޭޝަނަލް ސެންޓަރު ފޯ އޯޝަން ރިސޯސަސް އެންޑް ސެކިއުރިޓީ އިންނެވެ. މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާ ވަގުތުތަކުގައި ސަރަހައްދީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، އެކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން އިތުރުކުރުމެވެ.

މި ތަމްރީނުތަކުގައި ކަނޑުމަތީގެ އެކިކަހަލަ ނުރައްކާތެރި ހާދިސާތައް ކުރިމަތިވުމުން އަމަލުކުރާނެ ގޮތްތަކުގެ ޚިޔާލީ ސިމިއުލޭޝަންތައް ކުރިއަށްގެންދެވުނެވެ. އަދި 1979 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު މުއާހަދާގެ ދަށުން ޤައުމުތަކަށް ލާޒިމުވާ ކަންތައްތަކާ ބެހޭގޮތުން މާހިރުން މަޝްވަރާ ކުރެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި މަސައްކަތްކުރާ ޒުވާން އޮފިޝަލުންނަށް އަމަލީ ތަޖުރިބާ ލިބި، ޤައުމުތަކުގެ މެދުގައި އޮޕަރޭޝަނަލް ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ހުޅުވިގެންދިޔައެވެ. ދެ ޤައުމުން ގުޅިގެން ކުރާ މި މަސައްކަތަކީ އިންޑިއާ ކަނޑު އެންމެންނަށް އަމާން ތަނަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!