ފަލަސްތީނުގެ ނޫސްވެރިންގެ ސިންޑިކޭޓުގެ ފްރީޑަމްސް ކޮމިޓީން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ޣައްޒާގެ ނޫސްވެރިންގެ ތެރެއިން 60 އާއި 75 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވަނީ ޔަހޫދީ ރެޖީމުގެ އަނިޔާވެރިކަމުން އެމީހުންގެ ގެދޮރު ހަލާކު ކުރުމުން ނުވަތަ މަޖުބޫރުވެގެން އެހެން ތަންތަނަށް ބަދަލުވާން ޖެހިފައެވެ.
"މީޑިއާ ވިތައުޓް ވޯލްސް" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި ބުނެފައިވަނީ، ޔަހޫދީން ހިންގާ ފަލަސްޠީނުގެ ޖެނޮސައިޑް ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 265 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށެވެ. މިއީ އެއް ހަނގުރާމައެއްގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ވެސް ނޫސްވެރިން ރެޖީމަކުން މަރާފައިވާ އެންމެ ގިން އަދަދުތަކުގެ ތެރެއިން ހިމެނޭ އަދަދު ކަމަށެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި މީޑިއާގެ އޮފީސްތަކާއި މުއައްސަސާތަކުގެ 80 ޕަސެންޓަށްވުރެ ގިނަ ތަންތަން ޔަހޫދީ ރެޖީމުން ވަނީ މުޅިން ނުވަތަ އެތަންތަނުގެ ބައެއް ހަލާކުވެފައެވެ. މިއާއެކު ނޫސްވެރިކަމުގެ އުމްރާނީ ވަސީލަތްތައް "ހަލާކުވެ މުޅިންހެން ފުނޑާލާފައިވާ" ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޣައްޒާގެ ނޫސްވެރިން މިހާރު ނިއުސްރޫމްތަކުގައި މަސައްކަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަމުންދަނީ ފޭލިގެތަކުގައާއި މަގުތަކުގައާއި ހިޔާވަހިކަން ހޯދާ މަރުކަޒުތަކުގައެވެ. އެމީހުންގެ މައިގަނޑު މަސައްކަތުގެ ވަސީލަތަކީ ފޯނުތައް ކަމަށާއި، އިންޓަނެޓް ލިބޭ މިންވަރަކުން ނޫނީ ޚަބަރުތައް ފެތުރުމުގެ ފުރުސަތު ނުލިބޭ ހާލަތަކަށް އެމީހުންގެ މަސައްކަތް ވަނީ ވެއްޓިފައެވެ.
އިންސާނީ ތާރިޚުގައި ޒަޔަނިސްޓުންހާ ނޫސްވެރިންނަށް އިހާނެތިކޮށް ހިތި ބަޔަކު ދުނިޔެއިން ފެނިފައެއް ނުވެއެވެ.






