އީރާނުގެ ހާރިޖީ ވަޒީރު އަރާޤްޗީ ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމަށް ގޮވާލައްވައިފި

އީރާނުގެ ހާރިޖީ ވަޒީރު އަރާޤްޗީ ވިދާޅުވީ، އެމެރިކާގެ ތައްޕާހުން އުޅުމަށް ވުރެން ބޮޑަށް ރަނގަޅު ވާނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަރަބިން އަމިއްލަ ސަލާމަތީ އޮނިގަނޑެއް ގާއިމް ކުރުމުން ކަމަށެވެ. އަދި ގަލްފްގެ ޕެތްރޯލް ބޭރުކުރާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް އީރާން ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ.

އީރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ގާސިމް އަލްއަބޫދީއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަރާޤްޗީ ވިދާޅުވީ، ފާއިތުވި މަސްތަކުގައި ހިނގާދިޔަ ކަންކަމުން ގަލްފްގެ ގައުމުތަކުން އިބުރަތް ހާސިލުކުރަން ޖެހޭނެ ކަމަށެވެ. އަދި ސަރަހައްދުގެ ސަލާމަތީ އޮނިގަނޑު ކަނޑައެޅުމުގައި ގައުމުތައް ގުޅިގެން ނިންމުންތައް ނިންމުމަށް އޭނާ ގޮވާލެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ ސަލާމަތީ އެއްބަސްވުމެއްގައި ވެސް އިގްތިސާދީ ކަންކަން ހިމެނެން ޖެހޭނެ ކަމަށެވެ. އަދި ސަރަހައްދުން ބޭރުގެ އަސްކަރީ ބާރުތައް މިފަދަ އެއްބަސްވުންތަކުން ބާކީކުރަން ޖެހޭނެ ކަމަށް ވެސް އީރާނުގެ ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!