އެމެރިކާ މީހުންނަށް ޒަޔަނސިްޓުންގެ ހަގީގަތް ބޭޒާރުވާން ފަށައިފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ސިޔާސީ މަސްރަހުން އާ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައި އިޒްރޭލަށް އޮތް ތާއީދު، ޚާއްސަކޮށް ޒުވާން ރިޕަބްލިކަން ވޯޓަރުންގެ މެދުގައި ދަށަށް ދިއުމަކީ، ކުރިން އިޒްރޭލުގެ އެންމެ ވަރުގަދަ ބައިވެރިޔާގެ ގޮތުގައި އޮތް އެ ޕާޓީގެ ސިޔާސަތު ބަދަލުވަމުންދާކަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

’އެކްސިއޯސް' އިން ރިޕޯޓުކުރާ ގޮތުގައި، މި ބަދަލަށް މައިގަނޑު ދެ ސަބަބެއް ވެއެވެ. އޭގެތެރޭގައި ޚާއްސަކޮށް ޒުވާން ރިޕަބްލިކަން މެމްބަރުންގެ މެދުގައި، ޣައްޒާގައި އިޒްރޭލުން ހިންގާ އދން ސިފަކުރާ ފަލަސްޠީނުގެ ޖެނޮސައިޑާ މެދު ނުރުހުން އިތުރުވުމާއި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫގެ ގުޅުން ހީނަރުވެ، ޓްރަމްޕްގެ ޓީމުން ނަތަންޔާހޫއަށް ފާޑުކިޔުންތައް އަމާޒުކުރުން ހިމެނެއެވެ.

އެމެރިކާގެ ކުރީގެ ނޫސްވެރިން ކަމަށްވާ މެގީ ހެބާމަން އަދި ޖޮނަތަން ސްވެންގެ ފޮތެއްގައި ބުނެފައިވާ ގޮތުން، "ހުރިހާ ޔަހޫދީންނަށް ވެސް މިހާރު ތިޔަ އުޅެނީ ކަލޭ ދެކެ ފޫހިވެގެން" ކަމަށް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް އަންގާފައެވެ. އަދި ނަތަންޔާހޫއަކީ ވަރަށް މޮޔަ މީހެއް ކަމަށް ވެސް ޓްރަމްޕް ސިފަކޮށްފައިވެއެވެ.

ރިޕަބްލިކަން ޕާޓީގެ ތެރޭގައި އޮތް "އެމެރިކާ ފުރަތަމަ" ވިސްނުމުގެ މީހުން ދަނީ ބޭރުގެ ހަނގުރާމަތަކަށް އެމެރިކާއިން ޝާމިލުވުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މިގޮތުން، އިޒްރޭލަށް އެމެރިކާއިން ދޭ އެހީތަކަކީ "އެމެރިކާ ފުރަތަމަ" ގެ އުސޫލާ ޚިލާފު ކަމެއް ކަމަށް ބައެއް ރިޕަބްލިކަން އިންފްލިއުއެންސަރުން ދަނީ ސިފަކުރަމުންނެވެ.

ޕިއު ރިސާޗް ސާވޭއިން ދައްކާ ގޮތުގައި 40 ޕަސެންޓް ރިޕަބްލިކަނުން އިޒްރޭލާމެދު ދެކެނީ ނުރަނގަޅުކޮށެވެ.
މިއީ 18 އަހަރާއި 49 އަހަރާ ދެމެދުގެ ރިޕަބްލިކަނުންގެ މެދުގައި 57 ޕަސެންޓަށް އަރައެވެ.

ކުއިނިޕިއެކް ޔުނިވާސިޓީގެ ސާވޭއަކުން ދައްކާ ގޮތުގައި ކޮންމެ 5 ރިޕަބްލިކަނަކުން އެކަކު ދެކޭ ގޮތުގައި އިޒްރޭލަށް އެމެރިކާއިން ދޭ އެހީތަކަކީ ބޭނުންވާ ވަރަށް ވުރެން އޮިތުރަށް ދޭ އެހީތަކެވެ.

މެރިލޭންޑް ޔުނިވާސިޓީގެ ސާވޭއަކުން ދައްކާ ގޮތުގައި 46 ޕަސެންޓް ރިޕަބްލިކަނުން ޣައްޒާގައި އިޒްރޭލުން ހިންގާ ޖެނޮސައިޑަކީ ދިފާއީ ކަމެއް ކަމަށް ގަބޫލުކުރެއެވެ. ނަމަވެސް 34 އަހަރުން ދަށުގެ ރިޕަބްލިކަނުންގެ މެދުގައި މި އަދަދު ހުރީ އެންމެ 22 ޕަސެންޓުގައެވެ.

މި ކަންކަމުން ދޭހަވަނީ ރިޕަބްލިކަން ޕާޓީގެ ތެރޭގައި އިޒްރޭލާ މެދު އޮތް ވިސްނުން ބަދަލުވަމުންދާ ކަމެވެ. ނަމަވެސް، ޖުމްލަ ގޮތެއްގައި ބަލާއިރު ރިޕަބްލިކަން ޕާޓީއަކީ އަދިވެސް އިޒްރޭލަށް ތާއީދުކުރާ ޕާޓީއެއް ކަމަށާއި، ކުރިއަށް އޮތް މަސްތަކުގައި ފެނިގެންދާނީ މި ބަދަލަކީ ނަތަންޔާހޫއާ ގުޅުންހުރި ކަމެއްތޯ ނުވަތަ އިޒްރޭލާމެދު ރިޕަބްލިކަނުން ދެކޭ ގޮތަށް އައިސްފައިވާ ދާއިމީ ބަދަލެއްތޯ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ހިއްސާ ކުރައްވާ!