އިސްރާއީލުން ޣައްޒާ އިން އާބާދީ ފޮހެލުމަށް އާ އުކުޅެއް ގެންގުޅެން ފަށައިފި

ފަލަސްތީނުގެ ޣައްޒާ ގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމަށް ޔަހޫދީ ރެޖީމުން ކުރަމުން އައި މަސައްކަތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއެކު، އެ ރޭވުމަށް އިސްރާއީލުން އާ ނަމެއް ދީފިއެވެ. ކުރިން "އަމިއްލަ އިޚުތިޔާރުގައި ހިޖުރަކުރުން" މި ނަމުގައި ފެތުރި މި ރޭވުން، މިހާރު ވަނީ ފަލަސްޠީނުން ބޭރުވުމަށް "މިނިވަންކަމާއެކު ދަތުރުކުރުމުގެ ޕްލޭން" ގެ ނަމަށް ބަދަލުކޮށްފައެވެ.

އިސްރާއީލުގެ 13 ވަނަ ޗެނަލުން ރިޕޯޓްކުރާ ގޮތުގައި، މި ނިންމުން ނިންމީ އެ ގައުމުގެ ސަލާމަތީ އިދާރާތަކާއި މޮސާޑްގެ މެދުގައި ބޭއްވުނު މަތީ ފެންވަރުގެ ބައްދަލުވުންތަކަކަށްފަހުއެވެ. ކުރިން ބޭނުންކުރި "ހިޖުރަކުރުން" މި ބަހަކީ ބައިނަލްއަގުވާމީ މުޖުތަމައުން "ބާރުގެ ބޭނުންކޮށްގެން ރައްޔިތުން ބޭރުކުރުން" ފަދަ ޖަރީމާއެއް ކަމަށް ސިފަކޮށް، އެކަމަށް ދެކޮޅު ހެދުމުން، އެކަން ފޫބެއްދުމަށް އިސްރާއީލުން އާ ނަމެއް ހޯދީއެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނާ ގޮތުގައި، މި ނަން ބަދަލުކުރުމަކީ އެހެން ގައުމުތަކުގެ ވިސްނުން ބަދަލުކޮށް، ޣައްޒާގެ ރައްޔިތުން ބަލައިގަތުމަށް އެ ގައުމުތަކަށް ހިތްވަރު ދިނުމަށް ކުރެވޭ މަސައްކަތެކެވެ. އިސްރާއީލުގެ ސަލާމަތީ މަސްއޫލުވެރިއަކު އެ ޗެނަލަށް މައުލޫމާތު ދެމުން ބުނީ، ޣައްޒާ ދޮވެލުމަށް ވީހާވެސް ގިނަ ރައްޔިތުން އެ ސަރަހައްދުން ބޭރުކުރުމަކީ އިސްރާއީލުގެ އަމާޒެއް ކަމަށާއި، އެކަމުގެ ސަބަބުން ކުރިމަގުގައި އެ ސަރަހައްދާމެދު ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ފަސޭހަވާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އާ ރައީސް ޝަމޫއީލް ބިން އެޒްރާ ވަނީ ސަލާމަތީ އިދާރާތަކުގެ މަންދޫބުންނާ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް، މޮސާޑްގެ މަންދޫބުން ވަނީ މި ރޭވުން ތަންފީޒުކުރުމުގައި ހުރި ދަތިތައް ފާހަގަކޮށްފައެވެ. އެ މީހުން ބުނާ ގޮތުގައި، ޣައްޒާގެ ރައްޔިތުން ބަލައިގަތުމަށް އެއްވެސް ގައުމަކުން މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.

އިސްރާއީލުގެ މި ރޭވުންތަކާ ދެކޮޅަށް، ޣައްޒާގައި ތިބި 2.4 މިލިއަން ފަލަސްތީނު ރައްޔިތުން ދަނީ އެމީހުންގެ އަމިއްލަ ބިން ދޫކޮށް ދިއުމަށް ދެކޮޅު ހަދަމުންނެވެ. 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އަޅާފައިވާ ހިސާރުގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށްދާ ހަމަލާތަކުގައި 73،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 173،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން މިފަދަ ރޭވުންތައް ރާވަމުން މިދަނީ ހުރުމުޒު ކަނޑުއޮޅި ފަދަ ޖިއޮޕޮލިޓިކަލް ގޮތުން ނާޒުކު ސަރަހައްދުތަކުގައި ވެސް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި ހުރިހާ ކަމަކާއެކު ވެސް، ފަލަސްތީނުގެ ރައްޔިތުންގެ އަޒުމަކީ އެމީހުންގެ ބިމުން ނުފައިބައި، އެމީހުންގެ ހައްގުތަކަށްޓަކައި ސާބިތުވެ ތިބުމެވެ.

ހިއްސާ ކުރައްވާ!