އެމެރިކާގެ ސުޕްރީމް ކޯޓުން 29 ޖޫން 2006 ގައި ނިންމި "ހަމްދާން ވ. ރަމްސްފެލްޑް" ގެ މައްސަލައަކީ، 11 ސެޕްޓެމްބަރު 2001 ގެ ހަމަލާތަކަށްފަހު އެމެރިކާއިން ގެންގުޅުނު "ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގެ" ސިޔާސަތުގެ ބޭއިންސާފުކަން ސާބިތުކޮށްދިން ހުކުމެވެ. މި ހުކުމަކީ ގުއަންޓަނާމޯ ބޭގައި ބަންދުކޮށްގެން އަނިޔާ ކުރި މުސްލިމުންގެ މައްސަލަތައް ބެލުމަށް އެއިރުގެ ރައީސް ނާލާއިގް ޖޯޖް ޑަބްލިއު ބުޝް އުފެއްދެވި އަސްކަރީ ކޯޓުތަކަކީ އެމެރިކާގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފު އެއްޗެއްކަން ކަނޑައެޅި ނިންމުމެކެވެ.
މި މައްސަލައިގެ މައިގަނޑު ފަރާތަކީ އުސާމާ ބިން ލާދިންގެ ޑްރައިވަރަކަށް އަދި ބޮޑީގާޑަކަށް މަސައްކަތްކުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ސަލީމް އަހުމަދު ހަމްދާން އެވެ. 2001 ވަނަ އަހަރު އަފްޣާނިސްތާނުން އޭނާ ވަގަށް ނެގުމަށްފަހު، 2002 ވަނަ އަހަރު ކިއުބާގައި ހުންނަ ގުއަންޓަނާމޯ ގެ އަނިޔާ ކުރާ ކެމްޕަށް ބަދަލުކުރި އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުތަކެއް ފެރޭމް ކުރިއެވެ. އެ މައްސަލަ ބެލުމަށް ޕެންޓަގަންގެ އޭރުގެ ވެރިޔާ މަލްޢޫނު ޑޮނަލްޑް ރަމްސްފެލްޑްގެ ބެލުމުގެ ދަށުން އަސްކަރީ ކޯޓުތަކެއް އުފެއްދި އެވެ.
ހަމްދާންގެ ވަކީލުން މި ކޯޓުތަކުގެ ދުސްތޫރީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމުން، މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން
5 ވޯޓު 3 ވޯޓުން ސުޕްރީމް ކޯޓުން ނިންމީ ހަމްދާން އާ އެއްކޮޅަށެވެ. ކޯޓުން ކަނޑައެޅި ގޮތުގައި:
- އަސްކަރީ ކޮމިޝަންތަކުގެ އޮނިގަނޑާއި އިޖުރާއަތްތައް "ޔުނިފޯމް ކޯޑް އޮފް މިލިޓަރީ ޖަސްޓިސް" އާއި "ޖެނީވާ ކޮންވެންޝަން" އާ ޚިލާފެވެ.
- ރައީސް ބުޝް އަށް ލިބިވަޑައިގެންފައިވާ ބާރުތައް ފަހަނައަޅައި ގޮސް މި ކޯޓުތައް އުފައްދާފައި ވެއެވެ.
ނަތީޖާ އާއި ސިޔާސީ ބަދަލުތައް
މި ނިންމުމަކީ ވައިޓްހައުސް އަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. އޭރުގެ ވައިޓްހައުސްގެ ތަރުޖަމާނު ޓޯނީ ސްނޯ ވިދާޅުވީ، މިއީ ހަމައެކަނި "އިޖުރާއީ" މައްސަލައެއް ކަމަށެވެ. ނަމަވެސް، ރައީސް ބުޝް ވަނީ މިކަން ހައްލުކުރުމަށް ކޮންގްރެސް މެދުވެރިކޮށް "މިލިޓަރީ ކޮމިޝަންސް އެކްޓް 2006″ ފާސްކުރައްވާފަ އެވެ. މި ގާނޫނުގެ ދަށުން ޖެނީވާ ކޮންވެންޝަން ބޭނުންކޮށްގެން އެމެރިކާގެ ކޯޓުތަކުގައި ބޭރުން ވަގަށް ބނަގައިގެން ގެންނަ މުސްލިމުންނަށް ދައުވާ ނުކުރެވޭ ގޮތް ހެދި އެވެ.
މި ހުރިހާ ހައިޖާނެއްގެ ތެރޭގައި، ހަމްދާންގެ މައްސަލަ އަލުން ބަލައި 2008 ގައި 5 އަހަރާއި ބައިގެ ޖަލު ހުކުމެއް އައެވެ. ނަމަވެސް 2012 ވަނަ އަހަރު ވޮޝިންޓަންގެ އެޕީލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ބާތިލުކުރިއެވެ. އަދި އޭނާ މިނިވަންކުރި އެވެ.
މި މައްސަލައަކީ މިއަދު ވެސް ބައިނަލްއަގުވާމީ ގާނޫނީ މާހިރުންގެ މެދުގައި ބަހުސްކުރެވޭ މައްސަލައެކެވެ. އެއީ، "ޓެރަރިޒަމާ ދެކޮޅަށް" ކަމަށް ބުނެ އެމެރިކާއިން ގައުމަކުން އިންސާނީ ހައްގުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ބޮލާލައި ޖަހައި މުސްލިމުން ވަގަށް ނެގުމުގެ ޒިންމާ ނަގަން ޖެހޭނެކަން މި މައްސަލައިން ސާބިތުކޮށްދިންތީ އެވެ.
ގުއަންޓަނާމޯގައި އެމެރިކާ ސިފައިންނާ ދެކޮޅަށް މުސްލިމުން ބޭނުންކުރި "ނިއުކްލިއާ ހަތިޔާރު"






